ސައުދީ ރަސްގެފާނުގެ އެހީގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އިމާރާތްކޮށް ނިމި ބޭނުންނުކޮށް ހުންނަ "ކިންގް ސަލްމާން މިސްކިތް" ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ބޭނުންކުރަން ފަށާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ރޯދަ މަހު ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
"ކިންގް ސަލްމާން މިސްކިތަކީ" ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވިއިރު ނިމުމަކާ ގާތްވެފައިވާ މިސްކިތެކެވެ. އެ މިސްކިތް ހުޅުވުން އެކި ސަބަބުތަކާހުރެ ލަސްވެފައިވާއިރު، ސަރުކާރުން ވަނީ މިސްކިތް ހުޅުވާނެ އެކި ތާރީޚްތައްވެސް ދެއްވާފައެވެ. ނަމަވެސް އެންމެ ފަހުން ދެއްވި ތާރީޚަކީ ކުރިއަށް މިއޮތް ރަމަޟާން މަހެވެ.
އެ މިސްކިތް ކުރިއަށް އޮތް ރަމަޟާން މަހަށް ހުޅުވޭނީ އެކަމަށް ބޭނުންވާ ފައިސާ ފިނޭންސުން ހަމަޖައްސައިފީފިނަމަ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާއިރު، ފިނޭންސުން ވަނީ އެ ފައިސާ އެ މިނިސްޓްރީއަށް ދޫކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މިސްކިތަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.
ތުރުކީގެ ޓާމެކްސްއާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ "ކިންގް ސަލްމާން މިސްކިތުގައި" އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. އަދި ފަސްބުރީގެ މި މިސްކިތުގެ ތިނެއް އަދި ހަތަރުވަނަ ފަންގިފިލާ އޮޑިޓޯރިއަމެއްގެ ގޮތުގައި ބޭނުންކުރާއިރު، ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަލްޓި ޕާޕަސް ހޯލެއްގެ ގޮތުގައެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ނިންމައި، ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ.