ބަނގުރޫޓް ވުމާއި ދިމާއަށް މިޝްރާބް ޖަހާފައިވާ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޤައުމީ އެއާލައިން ސަލާމަތް ކުރުމަށްޓަކައި ކުއްލި މައްސަލައެއްގެ ގޮތުގައި މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވާދަވެރި ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިމައްސަލަ ބަލައިގަތުމާއި ދެކޮޅަށް 33 މެންބަރުން ވޯޓް ދެއްވިއިރު މިމައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވީ ފަސް މެންބުންނެވެ.
މި މައްސަލަ ހުށަހެޅުއްވީ 2020 ވަނަ އަހަރު ޤައުމީ އެއާލައިންއަަށް 400 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 159 މިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވެފައިވާ ކަން އޮޑިޓް ރިޕޯޓްތަކުން ދައްކާތީއެވެ.
މީގެ އިތުރުން ބޭންކް އޮފް އިންޑިއާއިން މޯލްޑިވިއަންއަށް 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު އެސްބީއައިއިން އައިލެންޑް އޭވިއޭޝަނަށް އޯވަޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ ލޯންތައް ނެގުމަށްޓަކާ މޯލްޑިވިއަންގެ 6 މަތިންދާ ބޯޓް ގްރައުންޑް ކޮށްފައިވާތީ މޯލްޑިވިއަން އިން އެމްއޭސީއެލްއަށް ވެސް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ވެސް ބުނެފައެވެ.
ޤައުމީ އެއާލައިން ސަލާމަތް ކުރުމަށްޓަަކައި ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ މޯލްޑިވިއަންގެ މުވައްޒަފުންނަށް ކޮންމެ މަހަކު މުސާރަ ދެނީ މިނިސްޓްރީން ލޯނު ނަގައިގެންކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ޤައުމީ އެއާލައިން ބަނގުރޫޓްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލިއިރު ކީރިތި ނަބިއްޔާގެ ދިފާއުގައި ހުށަހެޅި މައްސަލަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.




