ހައި ރައިޒްގެ ފަރާތުން ކުރިއަށް ގެންދާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 މިއަދު ފަށައިފިއެވެ.
ދަރުބާރުގޭގައި ކުރިޔަށްދާ މި ލިވިންގ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާއެވެ. މިރަސްމިއްޔާތުގައި އިވެންޓް އޯގަނައިޒާ ހައިރައިޒްގެ ސީއީއޯ ޝާމިންއާއި މި އެކްސްޕޯގެ މެއިން ސްޕޮންސާ އެލައިޑްގެ މާކެޓިންގ މެނޭޖަރ މުހައްމަދު ނިއުޝާދު ޝަރީފް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މިފަހަރުގެ ލިވިންގް އެކްސްޕޯ ހާއްސަވެފައި ވަނީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ މުދަލާއި ހިދުމަތް ދައްކާލުމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ ފުރުސަތުތަކާއި ގުޅޭ ތަފާތު 30 ސްޓޯލެއް މި އެކްސްޕޯގައިވެއެވެ.
ޝަރީފްގެ ވާހަކަފުޅުގައި މި އެކްސްޕޯއިން ގެދޮރުވެރިކަމާއި ގުޅޭ އެކިއެކި ޕްރޮޑަކްޓްތައް ފެނިގެންދާނެކަމަށާއި އެލައިޑްގެ ފަރާތުން ގެދޮރު ރައްކާތެރި ކުރުމަށް ހުރި ފުރުސަތުތައްވެސް އެލައިޑްގެ ސްޓޯލުން ފެނިގެން ދާނެކަން ފާހަގަކުރެއްވިއެވެ.
ޝާމިންގެ ވާހަކަފުޅުގައި ލިވިންގް އެކްސްޕޯއަކީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހައިރައިޒް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ.
މި އެކްސްޕޯ މިއަދުން ފެށިގެން 11 ފެބްރުއަރީއާ ހަމައަށް ކޮންމެ ދުވަހަކު މެންދުރު 2 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ކުރިޔަށްދާއިރު މިއީ ލިވިންގ އެކްސްޕޯ ރާއްޖޭގައި ބާއްވާ ހަތްވަނަ ފަހަރެވެ.




