ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މަސް ފިހާރައިން ތާޒާ ފަރު މަސް ވިއްކުން ފުޅާކޮށްފި އެވެ.
މިފްކޯ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ފަރުމަސް ވިއްކުން ފުޅާ ކުރީ ތާޒާ މަސް ހޯދަން ބޭނުންވާ އެންމެނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށާއި، އެ ކުންފުނިން މަސް ގެންނަނީ ރާއްޖޭގެ އެކި ހިސާބުތަކުން ކަމަށެވެ.
"ޓެމްޕަރޭޗާ އެއް ވަރެއްގައި ބަހައްޓައިގެން ރާއްޖޭގެ އެކި ހިސާބުތަކުން މަސް މި ގެންނަނީ. މިއަދު ބާނާ މަސް މާދަމާ މިފްކޯގެ ފިހާރަ އިން ލިބެން ހުންނާނެ. އެހެންވެ ވަރަށް ތާޒާކޮށް ހުންނާނީ. ސާފުކޮށް ވެކިއުމް ޕެކްކޮށްފައި ހުންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.
މަސް ފިހާރަ އިން ފަރު މަހުގެ ގިނަ ބާވަތް ތަކެއް ލިބެން ހުރުމަކީ ބާބެކިއު ހަދާ މީހުންނަށް ވެސް ލިބޭނެ ފަސޭހައަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
"އާއްމުކޮށް ތާޒާ ފަރުމަހެއް މާލެއިން ހޯދަން ދަތިވޭ. އެކަމަކު މިހާރު ވަރަށް ފަސޭހަ ވެގެން މިދިޔައީ،" އޮފިޝަލް ވިދާޅުވި އެވެ.
މިފްކޯގެ މަސް ފިހާރަ އިން ފަރު މަސް ކިލޯއެއް 65ރ. ލިބެން ހުރިއިރު، ފަރުމަހުގެ އިތުރުން ކަނޑު މަހާއި ދަޅު މަސް ވެސް ވިއްކަ އެވެ. މީގެ އިތުރުން ބިޒީކޮށް މަސައްކަތުގައި އުޅޭ މީހުންނަށް ފަސޭހަ ކަމެއް ގެނެސް ދިނުމުގެ ގޮތުން "ރެޑީޓު އީޓް" ޕްރޮޑަކްޓް ތަކެއް ވެސް އެ ކުންފުނިން ތައްޔާރު ކުރެ އެވެ.




