އައު އަހަރު ފާހަގަކުރުން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ފެސްޓިވަލެއް ބާއްވަން ނިއްމާފައިވާކަމަށެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ވިދާޅުވެއްޖެ އެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، މިއަހަރު އައު އަހަރު ފާހަގަކުރަން ނިންމާފައިވަނީ އެތައް ކަމެއް ހިމެނޭ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ނަމުގައި ކަމަށެވެ.
ޒުވާނުންނަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ފެސްޓިވަލުގައި، ކުޑަކުދިންގެ ހަވީރަކާއި، މިއުޒިކް ޝޯއާއި ލޭޒާ ޝޯއެއްގެ އިތުރުން، އަދި ހަވާ އެރުވުންވެސް އޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ފެސްޓިވަލް ފެށޭނީ 31 ވަނަ ދުވަހުގެ ހަވީރު އޮންނަ ކުޑަކުދިންގެ އާއިލީ ހަވީރުން ކަމަށެވެ. އަދި އެރޭ ލޭޒާ ޝޯ އާއި މިއުޒިކް ޝޯއެއް އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު އެރޭ މެންދަމު 12:00 ގައި ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅިވިއެވެ.
މި ފަހަރު މާލެ ސިޓީގެ އިތުރުން ކ. މާފުށި، ކ. ތުލުސްދޫ، ކ. ދިއްފުށީގެ އިތުރުން އއ. ތޮއްޑޫގައި ހަވާ އަރުވާނެއެވެ.
މިނިސްޓަރު އަސްވާޑު ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު އައު އަހަރު ފާހަގަކުރަން ބޮޑު މިއުޒިކް ޝޯއެއް ބޭއްވި ނަމަވެސް، މިފަހަރު ބާއްވާ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް" ހާއްސަވެގެންދާނީ އެތައް ކަމެއް ހިމެނޭހެން ކަމަށެވެ. އަދި މި ފެސްޓިވަލް ބޭރު ފަންނާނުންގެ ބަދަލުގައި، ދިވެހި ފަންނާނުންނަށް ހާއްސަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްވާޑު ވަނީ "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024" ގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް ދައުވަތު އަރުވައިފައެވެ.