އައު އަހަރު ފާހަގަކުރަން މިއަހަރު ޔޫތް މިނިސްޓްރީން ބޭއްވި މިއުޒިކް ފެސްޓިވަލް/ ފޮޓޯ: ނިޝާން އަލީ / މިހާރު

މޫސުން ތަން ނުދޭތީ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް"ގެ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފި

މިހާރު ދިވެހިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް ފަސްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޮންނަ ފުރަތަމަ ހަރަކާތަކީ އެދުވަހުގެ ހަވީރު އޮންނަ ކުޑަކުދިންގެ އާއިލީ ހަވީރެކެވެ. އަދި އެރޭ ރޭ ލޭޒާ ޝޯ އާއި މިއުޒިކް ޝޯއެއްގެ އިތުރުން، މެންދަމު 12:00 ހަވާ އެރުވުމަށްވެސް އޮތީ ނިއްމައިފައެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ހަރަކާތް ފަސްކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޙެއް ފަހުން އަންގާނެ ކަމަށެވެ.

ކޮންމެ އަހަރަކު އައު އަހަރު ފާހަގަކުރަން ބޮޑު މިއުޒިކް ޝޯއެއް ބޭއްވުމުގެ ބަދަލުގައި، މިއަހަރު "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ނަމުގައި އެތައް ކަމެއް ހިމެނޭ ފެސްޓިވަލް އެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން އޮތީ ނިންމައފައެވެ.

ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، މިއަހަރުގެ އައު އަހަރު ފާހަގަކުރަން ބާއްވާ މި ފެސްޓިވަލް، ބޭރު ފަންނާނުންގެ ބަދަލުގައި، ދިވެހި ފަންނާނުންނަށް ހާއްސަވެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ