މާލޭގައި ސްޕާގެ ނަމުގައި ފާހިޝް އަމަލުތައް ހިންގާ ތަންތަން ހުއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިކަން ހާމަކުރީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަރ އޮފް ޕޮލިސް(ސީޕީ)، އަލީ ޝުޖާއު އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝުޖާއު ވަނީ މަގާމާއި ހަވާލިފަހުން ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލުތައް ދެއްވައިފައެވެ.
ސީޕީ ޝުޖާއު ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާ ކަމަށާއި، އެ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާތަން މި ދައުރުގައި ޔަޤީނުންވެސް ފެންނާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ސްޕާގެ ނަމުގައި ހިންގާ ފާހިޝް އަމަލުކުރާ ތަންތަން ހުއްޓުވުމަށް ހާއްސަ މަސައްކަތް މިހާރުވެސް މި ސަރުކާރުން ފަށައިފައިވާ ކަމަށެވެ.
އެގޮތުން ސްޕާގެ ނަމުގައި ފާހިޝް އަމުލުކުރާ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައްސަލަ ބަލާ، އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭގެ އިތުރުން ސީޕީ ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާކުރާ މައްސަލަތައްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާތަން މި ދައުރުގައި ފެންނާނެ ކަމަށެވެ.
މާލޭގައި ސްޕާތަށް ހިންގާ ވިޔަފާރިވެރިން، އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ލައްވާ، ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އެފަދަ އަމަލުތައް ހިންގައިގެން، ކުށުގެ ވެށިން މިހާތަނަށް މީހުން ހައްޔަރުކޮށްފައިވެސް އެބަހުއްޓެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް އަދި މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.