މާލޭގެ އެންމެ ބޮޑު އަދި އެންމެ ފެންވަރު ރަނގަޅު ހޮޓަލުގެ ގޮތުގައި، ކުރީގެ މަޝްހޫރު ނަސަންދުރާ ޕެލަސް ހޮޓާ ހުރި ބިމުގައި ތަރައްގީކުރި 'ބާސެލޯ ނަސަންދުރާ މާލެ' މިއަދު ހުޅުވައިފިއެވެ.
2015 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ބިން ދޫކޮށްފައިވަނީ ރާއްޖެ އާއި ލަންކާގެ ދެ ކުންފުންޏެއް ހިމެނޭ ޖޮއިންޓް ވެންޗަރ އަކަށެވެ. ނަމަވެސް ލައިސެންސް ލިބުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ހޮޓަލުގެ ހުޅުވުން ވަނީ މަހެއްހާ ދުވަހަށް ލަސްވެފައެވެ.
ސްޕެއިންގެ ނަން މަޝްހޫރު ހޮޓާ ޗެއިން، ބާސެލޯ ގްރޫޕުން ހިންގާ މި ހޮޓަލަކީ ރާއްޖޭގައި އެ ކުންފުނިން ހިންގާ ދެވަނަ ތަނެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު އެ ކުންފުނިން ވަނީ އދ. އަތޮޅުގައި ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް ރިސޯޓް ހުޅުވާފައެވެ.
މި ހޮޓަލުގައި 136 ކޮޓަރީގެ އިތުރުން، ދުވަހުން ދުވަހަށް ކުއްޔަށް ދޫކުރުމަށް ހާއްސަކުރެވިފައިވާ 116 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި، ޖިމްއަކާއި، ސްޕާއެއް އަދި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއް ވެސް މި ހޮޓަލުގައި ޤާއިމުކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ބޮޑު ސްވިމިންގ ޕޫލެއްވެސް ހޮޓަލުގައި ހިމެނެއެވެ.




