ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާޙް އެކްލަބް ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށް ކެމަރޫންއަށް ކުރިން ކުޅުނު ސަމުއެލް އެޓޫ އެދިއްޖެއެވެ.
2017 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ރޯމާ ދޫކޮށް ލިވަޕޫލްއާއި ގުޅުނު ސަލާޙް އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން 104 މެޗުން 71 ލަނޑު ސަލާޙް ކާމިޔާބުކޮށްފައިވާއިރު އިތުރު 29 ލަނޑު ޖެހުމަށް އެހީތެރިވެދީފައިވެއެވެ.
ޗެމްޕިއަންސް ލީގު 18-19 ގެ ތަށި ލިވަޕޫލް އުފުލާލިއިރު ޓޮޓޭންހާމްއާ ދެކޮޅަށް ކުޅުނު ފައިނަލްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑުޖެހީވެސް ސަލާޙްއެވެ. އަދި އެންމެ ފަހުގެ ދެ ޕްރިމިއާ ލީގުގައިވެސް ސަލާޙްވަނީ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑް ޙާސިލްކޮށްފައެވެ.
މިދެސީޒަންގައި ސަލާޙްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބް ތަކުން އަންނަނީ ސަލާޙަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި މިހާރު މުޅި ޓީމު އޯވަހޯލް ކުރަމުން އަންނަ ރެއަލްމެޑްރިޑްވެސް ހިމެނެއެވެ.

އެހެންނަމަވެސް އެޓޫ ދެކޭގޮތުގައި ސަލާޙަށް އެންމެ ރަނގަޅުވާނީ ބާސެލޯނާއެވެ.
އުމުރުން 38 އަހަރުގެ އެޓޫވަނީ ރެއަލްމެޑްރިޑް އެކަޑަމީގައި އުޅުނުއިރު ސީނިއާ ޓީމަށް ތިން މެޗު ކުޅެދީފައެވެ.
"އެފްރިކާ ދޫކޮށްލަން އަހަންނަށް ފުރުޞަތު ލިބުނީ ރެއަލްމެޑްރިޑްގެ ސަބަބުން. އެކަމަކު އަހަންނަށް އިނގޭ ބާސާ ކުޅޭ ސްޓައިލް. ސަލާޙަށް އެންމެ ރަނގަޅުވާނީ ބާސާ." އެޓޫ ބުންޏެވެ.
21 އަހަރުގެ ކެރިއަރަކަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ އެޓޫ ދެކޭގޮތުގައި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލީގަކީ ލަލީގާއެވެ. އަދި އެލީގުގައި ވިދާލުމަށް ބޭނުންވާ ހުރިހާ ހުނަރެއް ސަލާޙްގެ ކިބައިގައި ހުރިކަމަށް އެޓޫ ޤަބޫލުކުރެއެވެ.
ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސާ އަދި ލިވަޕޫލް ބައްދަލުކޮށްފައިވާއިރު، ފުރަތަމަ ލެގުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ލެގު 4-0 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްވަނީ ބާސެލޯނާ މުބާރާތުން ކަޓުވާލާފައެވެ.




