ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔަވަން އެދޭ ގިނަ ދަރިވަރުންތަކެއް ތިބުމާ ގުޅިގެން، އަންނަ ދިރާސީ އަހަރު އިތުރު 5 ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަށް ތަޢުލީމީ ވުޒާރާއިން ނިންމަވައިފިއެވެ. މި ރަށްތަކުގައި ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މިއަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އަދި އެ ސްކޫލްތަކުގެ ދަރިވަރުން މަތީ ސާނަވީއަށް ކިޔަވަން އެދޭނަމަ، އެ ރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި، އެކަށީގެންވާ ޢަދަދެއްގެ ދަރިވަރުން ސްކޫލުތަކުގައި ގްރޭޑް 10 ނިންމާ، އަދި އޭގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާ ހޯދި ސްކޫލްތައް. އަޅުގަނޑުމެން އޭލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށްވެސް ބަލަމުން އަދި ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާކަމުގައިވާނަމަ އަޅުގަނޑުމެން މިހާރުގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭލެވެލް ފެށުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އެބަދެން،" ޑރ. އަޙްމަދު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ މަތީ ސާނަވީއަށް ކުދިން ސްކޫލުތަކަށް ވެއްދުމުގެ ކްރައިޓީރިއާއަށްވެސް ބޮޑު ބަދަލެއް ގެންނަވާފައެވެ. މިގޮތުން 3 މާއްދާ ނުވަތަ 4 މާއްދާއިން ފާސްވިކަމުގައިވީނަމަވެސް، އެ ކުއްޖަކު ކިޔަވަން ނުވަތަ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ނަމަވެސް، މަތީ ސާނަވީގެ ފުރުސަތު ހުޅުވާލެވޭނީ އެކަށީގެންވާ އަދަދަކަށް ދަރިވަރުން އެ ރަށެއްގައި ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރޭގައި ތިބެއްޖެނަމައެވެ. އަދި އަލަށް މަތީ ސާނަވީ ފެށުމަށް ހަމަޖެހިފައިވާ 5 ސްކޫލުގެ ނަންތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ.




