ތައުލީމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ނޭޕާލާއެކު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއާ ބައްދަލުކުރައްވައި، ތައުލީމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޗައިނާގެ ޓިއާންޖިން މެއިޖިއަންގ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ ހަވާސާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ތަޢުލީމީ އަދި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެވުނެވެ. އަދި ބައިނަލްއަޤްވާމީ މަންސަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާމެދުވެސް މަޝްވަރާކުރެވުނެވެ. ދެ ޤައުމަށް މަންފާކުރާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެރުމަށް ދެ ފަރާތުންވެސް އެއްބަސްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އާ ހަމަތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމުގައި ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ