ސައުދި ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ގުޅުމެއްކަމަށް ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ސައުދި ޢަރަބިއްޔާގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، މީގެ 44 އަހަރު ކުރިން ދެ ޤައުމުން ޚާރިޖީ ގުޅުން ޤާއިމްކުރި ފަހުން، ސައުދި ޢަރަބިއްޔާއިން ދެގޮތެއް ނުވެ ދިވެހިންނާއެކު އަބަދުވެސް ގާތްކަން ދަމަހައްޓަމުން އައިސްފައިވެއެވެ. "މިއީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ އަޚްވަންތަ ގުޅުމެއް" ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަޢުދީ ރަސްގެފާނު އަދި ދެ ޚަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ ވަރުގަދަ ވަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ދެ ޤައުމު ދެމެދު އޮތް ގުޅުމަކީ ޚާރިޖީ ގުޅުންތަކަށްވުރެ ފުޅާ، ދެ ޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވާ ގުޅުމެއްކަމަށް ވިދާޅުވިއެވެ.
ސައުދީ ސަފީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސައުދި ޢަރަބިއްޔާއިން މިހާރު މަސައްކަތް ކުރަނީ 2030ގެ ތަޞައްވުރު ހާސިލްކުރުމަށެވެ. މި ތަޞައްވުރުގެ ދަށުން، ޢުމްރާނީ ތަރައްޤީއާއި، ސިއްޙީ ދާއިރާ، މަސްވެރިކަން، ދަނޑުވެރިކަން، ވައިގެ ދަތުރުފަތުރު، ފަތުރުވެރިކަން އަދި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް ސައުދި ޢަރަބިއްޔާއިން ތައްޔާރަށް ތިބިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޒުވާނުން ބިނާކުރުމާއި އިޔާދަކުރަނިވި ހަކަތައާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައިވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ. އަދި ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން އިސްކޮށް މުސްތަޤިއްލުކަން ދެމެހެއްޓުމަށް ސައުދި ޢަރަބިއްޔާގެ އެއްބާރުލުން ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެފައިވަނީ ރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތީ ހަމައެކަނި ޚާރިޖީ ގުޅުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދެ ޤައުމު ދެމެދު އޮތީ އަޚްވަންތަކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަފީރު ވިދާޅުވެފައިވަނީ މި ގުޅުން މާތްﷲ ގެ ރަޙުމަތްފުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށާއި، ސަރަޙައްދަށް އަދި މުޅި ދުނިޔެއަށްވެސް ފައިދާކުރަނިވި ގުޅުމަކަށް ވެގެންދާނެ ކަމަށެވެ.



