"ގެސްޓް ހައުސްތަކުގެ ކާމިޔާބީގެ ފަހަތުގައިވަނީ މުއްސަނދި ސަޤާފަތާއި މާހައުލުގެ ހިތްގައިމުކަން"

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ރަށްރަށުގެ މުއްސަނދި ސަޤާފަތާއި ހިތްގައިމު މާހައުލު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސްގައި މިއަދު ބޭއްވުނު ގެސްޓް ހައުސް ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސިނާއަތް މިހާރު ކުރިއަރާފައިވާ މިންވަރަށް ބަލައި، ރަނގަޅަށް ކުރެވުނު ކަންކަން ދެނެގަނެ އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ މި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު "ގެސްޓް ހައުސްތަކަށް މި ސިނާއަތުގެ ދެމެހެއްޓެނިވިކަމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ. މިހާރުވެސް ވަރަށް ގިނަ ގެސްޓް ހައުސްތަކުން ޕްލާސްޓިކް ކުނި ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދޭ" ކަމަށް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މި ސިނާއަތަށް 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ސިމްޕޯޒިއަމްގައި 150 ފަރާތެއް ބައިވެރިވެފައިވާއިރު، މާކެޓް ކުރުމާއި، ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ގެސްޓް ހައުސްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ތިން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މިއީ އިސްލާމިކް ބޭންކުން އިންތިޒާމުކުރާ ދެވަނަ ގެސްޓް ހައުސް ސިމްޕޯޒިއަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ