"މޯލްޑިވްސް ޓެކްސް ފޯރަމް"ގެ ނަމުގައި މުޅިން އަލަށް ފޯރަމެއް ބާއްވަނީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކްނިކަލް ފޯރަމެއް ކަމަށްވާ "މޯލްޑިވްސް ޓެކްސް ފޯރަމް" ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމް ކުރިއަށް ގެންދާނީ "ޝޭޕިންގ އަ ސްމާޓަރ ޓެކްސް ފިއުޗަރ ޓުގެދަރ" މި ޝިއާރުގެ ދަށުންނެވެ.

މި މުހިންމު ފޯރަމް މާދަމާ ހެނދުނު 8:30 އިން ހަވީރު 4:30 އަށް މީރުމާ އިވެންޓްސް ކޮންފަރެންސް ހޯލްގައި ކުރިއަށް ދާނެއެވެ. ރާއްޖޭގައި ޓެކުހުގެ ދާއިރާއަށް ޚާއްޞަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ފޯރަމްގައި، ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްސް ލޯޔަރުން، އެކައުންޓިންގ ޕްރޮފެޝަނަލްސްގެ އިތުރުން މި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް ހައްލު ހޯދުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުލަވާލައިފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

މީރާއިން ވިދާޅުވެފައިވާ ގޮތުގައި، މިފޯރަމްގެ ތެރެއިން ޕެނަލްތަކުގެ މެދުގައި ތަފާތު ފަސް މައުޟޫއަކަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ދާއިރާގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކުރިއަށް އޮތް ތަނަށް ޓެކްސްގެ ކަންކަން ރޭވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ