ގިނަ ދާއިރާތަކަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރަކު ވަނީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ދާއިރާ އާއި އެނޫންވެސް އެކި ދާއިރާތަކަށް ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވައި، އެކަން ޙައްލުކުރުމަށް އެމްއެމްއޭއިން ކުރާ މަސައްކަތާ މެދު ސުވާލު އުފައްދަވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، އެކި ދާއިރާތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވަމުން އަންނަކަން ތަފާސް ހިސާބުތަކުންވެސް ފާހަގަވާ ކަމަށެވެ.
މި ދަތިތަކަށް ޙައްލު ހޯދައިދިނުމަށްޓަކައި، މީގެކުރިން އެމްއެމްއޭއިން ތަޢާރަފްކުރި "އެމްއެމްއޭ ގެރެންޓީ" ލޯނު ސްކީމް އަލުން ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެ ސްކީމްގައި ކުރިން ހުރި ބައެއް މައްސަލަތައް ޙައްލުކުރުމަށްފަހު، މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ލޯނު ސްކީމްގެ ސަބަބުން ޢިމާރާތްކުރުމުގެ ދާއިރާއާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ލިބުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ބޭންކުތަކުން ރިސްކު ނަގަން ބޭނުން ނުވާތީ މި ދަތިތައް ދިމާވާކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވިއެވެ. "ބޭންކު ރިސްކް އެޕަޓައިޓް ނުވާތީ މީގައި މައްސަލަތަކެއް މިއުޅެނީ. އަޅުގަނޑުމެން ދަންނަވާނަން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދޭން."
މީގެއިތުރުން ގަވަރުނަރު މުނައްވަރު ވަނީ ރާއްޖޭގެ ޔޫޒަބަލް ރިޒަރވް އިތުރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ ޔޫޒަބަލް ރިޒަރވް އިތުރުކުރެވިއްޖެނަމަ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހަމަ މަގަށް އަޅުވައި، ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވި، ޢާންމު ރޭޓަށް ޑޮލަރުގެ އަގު ދަށް ކުރެވޭނެ ކަމަށެވެ.



