ކުރިއަށް އޮތް ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލާނެކަމަށް އެޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ޑޭވިލްޑް ސިލްވާ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ސިލްވާ މިދިޔަ ސީޒަންގައި، ސިޓީއާއެކު ޑޮމެސްޓިކް 3 ތަށިވަނީ ކާމިޔާބުކޮށްފައެވެ. ސިޓީއާއެކު ސިލްވާ 9 ސީޒަންވަނީ ހޭދަކޮށްފައެވެ.
2010 ވަނަ އަހަރު ވެލެންސިއާ ދޫކޮށް ސިޓީއަށް ބަދަލުވި ސިލްވާ. ސިޓީއަށް 395 މެޗު ކުޅެދީފައިވާއިރު، ސިޓީއާއެކު، 4 ޕްރިމިއާ ލީގު، 2 އެފްއޭ ކަޕް އަދި 4 ލީގު ކަޕް ކާމިޔާބުކޮށްފައިވެއެވެ.
ސިލްވާވަނީ ސްޕެއިންގެ ޤައުމީ ޓީމާއެކު 2 ޔޫރޯ އަދި 1 ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ސިލްވާ ސިޓީ ދޫކޮށްލަން ނިންމާފައިވަނީ ގަތަރުގެ ކްލަބަކަށް ބަދަލުވުމަށެވެ. 12 މިލިއަން ޕައުންޑުގެ 2 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ސިލްވާއަށް ގަތަރުގެ މިކްލަބުން ހުށައަޅާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
"މިއަކީ އަހަރެންގެ ފަހު އަހަރު. 10 އަހަރު އަހަންނަށް ފުދޭ." ސިލްވާ ބުންޏެވެ.
ސިލްވާގެ ބަދަލަށް މޮރޮކޯއަށް ކުޅެމުން އަންނަ ޔޫރީ ޓެލްމަންސްއަށް ސިޓީން ފާރަލަމުން އަންނަކަމަވެސް ރިޕޯޓްތައް ބުނެއެވެ. 40 މިލިއަން ޕައުންޑުގެ މިކުޅުންތެރިޔާއަށް ސިޓީގެ އިތުރުން އާސެނަލް، ޔުނައިޓެޑް އަދި ޓޮޓޭންހާމްވެސް އަންނަނީ ފާރަލަމުންނެވެ.




