ތިއާގޯ ސިލްވާ - ފޮޓޯ: އީއެސްޕީއެން

ފޯމް ނުގެއްލެނީސް ރިޓަޔާ ކުރުމާމެދު ތިއާގޯ ސިލްވާ ވިސްނަނީ

ފޯމް ނުގެއްލެނީސް ރިޓަޔާ ކުރުމާމެދު ވިސްނަމުންދާކަމަށް އުމުރުން 34 އަހަރުގެ ތިއާގޯ ސިލްވާ ބުނެފިއެވެ.

ތިއާގޯ ސިލްވާ ޕީއެސްޖީއަށް ނިމުނު ސީޒަންގައި 39 މެޗު ކުޅެދީފައިވެއެވެ. އަދި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ބްރެޒިލް ޓީމާއެކު ކުޅެމުން އަންނަ ސިލްވާ ބްރެޒިލް އެމުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ކުޅެފައިވެއެވެ.

ފްރާންސްގެ ޒިނެދިން ޒިދާންއަށް ސަޕޯޓުކުރާ، ސިލްވާ ދެކޭ ގޮތުގައި 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު އުމުރުން 34 އަހަރުގައި ކުޅުމާ ދުރަންޖެހެން ޒިދާން ނިންމި ނިންމުމަކީ ފޯމް ނުގެއްލެނީސް ރިޓަޔާކުރުމަށް ދެއްކި ރަނގަޅު މިސާލެކެވެ.

"އުންމީދުކުރަނީ އަހަރެންގެ ފައި އެކަމަށް ނުކުޅެދެނީސް ކުޅުން ހުއްޓާލެވޭނެކަމަށް. ދަނޑުމަތީ މަލާމާތަކަށްވާން އަހަރެން ބޭނުމެއް ނޫން" ޕީއެސްޖީގެ ރަސްމީ މަޖައްލާއަށް ސިލްވާ ބުންޏެވެ.

ކެރިއަރުގައި ލިބިފައިވާ ކާމިޔާބީތަކަށް ފަޚްރުވެރިވާކަމަށާއި، ރަނގަޅު ފޯމެއްގައި ހުރެ ކުޅުން ނިންމާލަން ބޭނުންވާކަމަށްވެސް ސިލްވާ ބުނެފައިވެއެވެ.

އަދި ކުޅުމުގެ ތެރެއިން ލިބިފައިވާ ތަޖުރިބާއާއެކު ޓީމަކަށް ކޯޗުކޮށްދޭން ނުވަތަ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޓީމަކަށް އިރުޝާދުދޭން ބޭނުންވާކަމަށްވެސް ސިލްވާވަނީ ބުނެފައެވެ.

މީގެ އިތުރުން ސިލްވާ ބުނެފައިވަނީ ވީހާވެސް ގިނަ މެޗެއް ބެލޭތޯ މަސައްކަތްކުރާނެކަމަށާއި، ތަފާތު ލެވެލް ތަކުގެ ފުޓްބޯޅަ ދަސްކުރަން ބޭނުންވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ