ހަމޭސް ރޮޑްރިގޭޒަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ނަޕޯލީއަށް ބަދަލުވުންކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.
ނަޕޯލީގެ ކޯޗަކަށް މިހާރުހުރި ކާލޯ އަންޗެލޯޓީއަކީ ހަމޭސްއާއި ގާތް ގުޅުމެއް އޮންނަ އަދި ހަމޭސް ރަނގަޅަށް ދަންނަ ކޯޗެއްކަމަށްވެސް އޭނާގެ ބައްޕަވަނީ ބުނެފައެވެ.
2014 ވަނަ އަހަރު ރެއަލްމެޑްރިޑަށް ހަމޭސް ގެނައީވެސް އަންޗެލޯޓީއެވެ. އަދި އަންޗެލޯޓީ ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެ، އެޓީމަށްވެސްވަނީ ހަމޭސް ގެންގޮސްފައެވެ. ލޯނެއްގެ ދަށުން ރެއަލްމެޑްރިޑް ދޫކޮށް ބަޔާނަށް ހަމޭސް ބަދަލުވީ 2017 ވަނަ އަހަރުއެވެ.

"ހަމޭސް އަބަދުވެސް އަންޗެލޯޓީއަށް ވަރަށް އިޙްތިރާމްކުރާނެ. އަދި އަންޗެލޯޓީއަށް ހަމޭސް އިތުރަށް ކުރިއަރުވަން އިނގޭނެ. އެދެމީހުންގެ ގުޅުން ވަރަށް ވަރުގަދަ." ހާމޭސްގެ ބައްޕަ ބުންޏެވެ.
ލޯނެއްގެ ދަށުން ދެއަހަރު ދުވަހު ބަޔާންގައި ހޭދަކުރުމަށްފަހު މިއަހަރު އެކްލަބް ދޫކޮށްލަން ނިންމާފައިވާ ހަމޭސް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އެކްލަބް ތަކުގެ ތެރޭގައި ނަޕޯލީވެސް ހިމެނެއެވެ.
ނިމުނު ސީޒަންގައި ބަޔާންއާއެކު ބުންޑެސްލީގާ ކާމިޔާބުކޮށްފައިވާ ހަމޭސް، ލީގުގައި ބަޔާނަށް 20 މެޗު ކުޅެދިންއިރު 7 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ހަމޭސް މިވަގުތު ހުރީ ކޮލަމްބިއާއާއެކު ކޮޕާ އެމެރިކާ ކުޅުމަށް ބްރެޒިލްގައެވެ. ކޮލަމްބިއާ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، ކުއާޓާ ފައިނަލްގައި ބައްދަލުކުރަންޖެހޭނީ ޗިލީއާއެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ ފަތިހު 04:00 ގައެވެ.




