"އަހަރެންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އައިމަން" މީހަކަށް ގުޅައިގެން ހުރެ މި ވާހާކަ ބުނުމަށްފަހު އަންހެން ކުއްޖަކު އިމާރާތެއްގެ މަތިން ފުންމާލާ މަންޒަރު ދައްކުވައިދޭ ގޮށްރާޅުގެ މި ޓްރެއިލާ ވައިގަ ހިފުމާއެކު، ދިވެހި ފިލްމުތަކަށް ލޯބިކުރައްވާ ގިނަ ބަޔަކު ޔަގީން ކުރަމުންދިޔައީ މިފިލްކީ މޮޅު އަދި ކާމިޔާބު ފިލްމަކަށް ވާނެކަމަށެވެ.
ޑާކް ރެއިން އެންޓެޓެއިންމެންޓްގެ ކުޑައިގެ ދަށުން މިއަހަރު ނެރެފައިވާ ފުރަތަމަ ފިލްމް، ގޮށްރާޅާކީ ކްރައިމް ތްރިލާ ޖޯންރާ އަކަށް މުއުމިން ފުއާދު ސްކްރީންޕްލޭ ހަދައިފައިވާ، މުޙައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، ސިނެމޮޓޯގްރަފަރ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
4 ފެބްރުއަރީގައި ހައުސްފުލް ޝޯއަކާއެކު ފިލްމް ޕްރިމިއަރ ކޮށްފައިވާއިރު، މާލޭގެ ސިނަމާތަކުގައި މިހާރުވެސް ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ، މިފިލްމަކީ މިހާތަނަށް ރާއްޖޭގައި އަޅުވައިފައިވާ އެންމެ މޮޅު ކްރައިމް ތްރިލާ ފިލްމް ކަމަށް ބުނެ ފިލްމް ބަލާފައިވާ ގިނަ ބަޔަކު ފިލްމުގެ މޮޅުކަމުގެ ވާހާކަ ދައްކާ މީސްމީޑިއާގައި ފިލްމަށް ތައުރީފް ކޮށްފައިވެއެވެ.
ފިލްމުގެ ދެ ޓްރެއިލާ ބެލުންތެރިންނާ ހިސާބަށް ދޫކޮށްލި ހިސާބުން ފެށިގެން، ފިލްމަކީ ތަފާތު ފިލްމަކަށް ވާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަން ދީފައިވާއިރު، ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ފިލްމަކީ ހަމައަސްލުވެސް ސަޅި ފިލްމެއްކަން ގޮށްރާޅު ޓީމުން ސާބިތުކޮށްދީފިއެވެ.
ޑާކް ރެއިން އެންޓެޓެއިންމެންޓްގެ 11 ވަނަ ފީޗަރ ފިލްމް ބެލުންތެރިންނާ ހިސާބަށް އައިސްފައިވާއިރު، މި ކުންފުނީގެ ކޮންމެ ފިލްމަކީވެސް އާތަރިންތަކެއް ހިމަނައިގެން އުފައްދާ ފިލްމްތަކެކެވެ. އެގޮތުން ގޮށްރާޅުގައި، ގިނަ އަދަދެއްގެ އާޒުވާން ތަރިންތަކެއް ހިމަނޭއިރު، ފިލްމްގައި އެތަރިން ދައްކުވައިދީފައިވާ އެކްޓިންނަށް ތަޢުރީފް ހައްގެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްއިން އުފަންވި ތަރި، ހަސަން އިރުފާން (ޒަކިއްޓޭ) ވަނީ ފިލްމް ބެލި ފަރާތްތަކުގެ ފެވަރިޓަކަށް ވެފައެވެ. މީގެއިތުރުން، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޖުމައްޔިލުގެ އެކްޓިންއަށްވެސް ގިނަ ބަޔަކު ވަނީ ތަޢުރީފް ކޮށްފައެވެ.
ފިލްމުގައި މޮޅު ހުނަރެއް ދައްކުވައިދީފައިވާ އިތުރު ތަރިންނަށް ބަލާއިރު، އައިޝަތް ތަސްނީމް، އައިމިނަތް ރަޝްފާ، ނުޒުހަތު ޝުއައިބު، ޢަބްދުﷲ އަޒާން، އަހުމަދު ނާޝިތު، މުހައްމަދު ވަހީދު، މަރިޔަމް ޝަކީލާ އަދި އިސްމާޢިލް ރަޝީދު(ކޮޕީއިއްސެ) ހިމެނެއެވެ.
ގޮށްރާޅު މި ފިލްމަކީ ދިވެހި މުޖުތަމަޢުގައި ހިނގާ ނޭދެވޭ މައްސަލަތަކުގެ މައްޗަށް ބިނާކޮށް، އަދުގެ މުޖުތަމަޢުގެ ހާލަތު ދައްކުވައިދޭ ފިލްމެކެވެ. 18 އަހަރުން މަތީގެ ޒުވާނުންނަށް ހާއްސާކޮށް ހަދާފައިވާ މި ފިލްމަކީ، މާރާމާރީގެ މަންޒަރުތަކާއި، މަސްތުގެ ދުނިޔޭގެ ހާލަތު ދައްކުވައިދޭ، އަދި އެކަމުގެ ސަބަބުން އާޚިރުގައި ކަންތައްތައް ވާނެގޮތް ދައްކުވައިދޭ، އިބްރަތްތެރި މެސެޖްތަކެއް ފޯރުކޮށްދޭ ފިލްމެކެވެ.





ހިޔާލު
ޖުމުލަތައް މާދިގުވީމަ ގިނަފަހަރު ބުނަން އުޅޭ އެއްޗެއް އޮޅޭގޮތްވޭ. އެންމެ ރީތި ގޮތަކީ ކުރު އަދި ސާދާ ޖުމުލަ ލިޔުމުގައި ބޭނުންކުރުން