ފައިނަލްގައި ޖަރުމަނު ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ ސްޕެއިން ކާމިޔާބުކޮށްފިއެވެ
2-1 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކުރި މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ސްޕެއިންގެ ފަބިއަން ރުއިޒްއެވެ. މެޗުގެ 7 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
ސްޕެއިން ޓީމުން އިތުރަށް ލީޑު ފުޅާކުރީ 69 ވަނަ މިނަޓްގައި ޗިޕަކުން އޮލްމޯ ޖަހައިދިން ލަނޑަކާއެކުގައެވެ. އޮލްމޯގެ ފަރާތުން ތަފާތު މޮޅުކުޅުމެއް މެޗުގައިވަނީ ފެނިގެންގޮސްފައެވެ.
މެޗުގެ ދެވަނަ ހާފު ޖަރުމަނު ޓީމުން ރަނގަޅަށް ކުޅެ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް މެޗު ގެނަނަމަވެސް ސްޕެއިންގެ ދެވަނަ ލަނޑާއެކު ޖަރުމަނަށް އަނެއްކާވެސް މެޗުގެ ކޮންޓްރޯލްވަނީ ގެއްލިފައެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނަޓްގައި ޖަރުމަނުގެ އަމީރީ ލަނޑެއްޖަހައި ފަރަގުވަނީ ކުޑަކޮށްފައެވެ.
މިއީ ސްޕެއިން ޓީމުން މިމުބާރާތް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އެންމެ ގިނައިން މިމުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީއަށްވެސް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ ފަސް ފަހަރުއެވެ.
2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް މިދެޓީމު ބައްދަލުކޮށްފައިވާއިރު އެފަހަރު ޖަރުމަން އަތުން ސްޕެއިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުމުގެ ކުރިން މުބާރާތުގެ ތަށި ދަނޑަށް ގެނެސްދިނީ، 2000 ވަނަ އަހަރު އިޓަލީއާއެކު މިމުބާރާތް ކާމިޔާބުކުރި އަދި އެހަރުގެ ރަންބޫޓްވެސް ޙާސިލްކުރި އަންދްރޭ ޕިރްލޯއެވެ.



