ކޮޕާއެމެރިކާ ސެމީ ފައިނަލްގައި ބްރެޒިލްއާ ބައްދަލުކުރި މެޗުން އާޖެންޓީނާ ބަލިވީ ބްރެޒިލްގެ ކުޅުން ވަކި މޮޅުވެގެން ނޫންކަމަށާއި ނަމަވެސް، ރެފްރީގެ ނިންމުންތައް އެކޮޅަށް ބުރަވުމުންކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
ބްރެޒިލް އަތުން އާޖެންޓީނާ ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ބްރެޒިލްގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނަޓްގައި ފިރްމީނޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ގޭބްރިއަލް ޖީސޫސްއެވެ. މިލަނޑުގައި ބްރެޒިލްގެ ކެޕްޓަން ޑެނި އަލްވެސްވަނީ ވަރަށް އިސްރޯލެއް އަދާކޮށްފައެވެ. ދެވަނަ ލަނޑު 71 ވަނަ މިނަޓްގައި ފިރްމީނޯ ޖެހީ ޖީސޫސް ވަރަށް މަސައްކަތުން ހޯދައިދިން ބޯޅައަކުންނެވެ.
ނަމަވެސް ބްރެޒިލްގެ ދެވަނަ ލަނޑުގެ ކުރިން އާޖެންޓީނާއަށް ޕެނަލްޓީއަށް ލިބުނުކަމަށާއި ނަމަވެސް ރެފްރީވަނީ އެހާދިސާއާއި އަޅާނުލައި ދޫކޮށްލާފައިކަމަށް މެސީ ބުންޏެވެ.

"އަހަރެމެންގެ ފަރާތުންވަނީ މޮޅު ކުޅުމެއްފެނިފަ. އެމީހުން ވަކި އަހަރެމެނަށްވުރެ މޮޅެން ނޫން. ފުރަތަމަ ގޯލް މެޗުގެ ކުރީކޮޅު ބްރެޒިލަށް ޖެހުނުނަމަވެސް ދެވަނަ ލަނޑަކީ އަހަރެމެނަށް ލިބުނު ޕެނަލްޓީއެއް ނުދިނުމުގެ ސަބަބުން ޖެހުނު ލަނޑެއް" މެސީ ބުންޏެވެ.
އަދި މެޗުގައި ބޭކާރު ކާޑުތަކެއް ރެފްރީ ދައްކާފައިވާކަމަށާއި މެޗުގައި އެއްވެސް ވަރަކަށް ވީއޭއާރު ނުބަލާކަމަށްވެސް މެސީވަނީ ބުނެފައެވެ.
މެސީ އިތުރަށް ބުނެފައިވަނީ މެޗުން ބަލިވުން ދައްކާނެ އުޛުރެއް ނެތްކަމަށާއި، ނަމަވެސް މިމައްސަލަ ބަލަން ބޭނުންކަމަށެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން މިކަމާ ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް އުންމީދުކުރާކަމަށްވެސް މެސީ ބުންޏެވެ.




ހިޔާލު
Dhen hunnaane thikahala kithanme kamehves Bali v ma kiyan. Molhuvi Nama bunaane ehche noannaane. Maadhan bunaane retire koffeemey.