ކުޓީނިއޯ އަދި އޭނާގެ އެޖެންޓް - ފޮޓޯ: ސްކައި ސްޕޯޓްސް

ބާސާއިން ކުޓީނިއޯ ވިއްކާކަށް ބޭނުމެއްނުވޭ - އެޖެންޓު

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ވިއްކަން ބޭނުންނުވާކަމަށް ކުޓީނިއޯގެ އެޖެންޓް ކިއާ ޖޫރަބްޗިއަން ބުނެފިއެވެ.

ކުޓީނިއޯގެ އެޖެންޓް ބުނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރާއި ވާހަކަ ދެކެވުނުކަމަށާއި ބާސެލޯނާއިން ހުރީ ކުޓީނިއޯ ވިއްކާލާ ގޮތަށް ނޫންކަމަށެވެ.

"އޭނާ އަހަރެން ގާތު ބުނި ކޮންމެ ގޮތަކަށް ކަންތަން ދިޔަނަމަވެސް މިހޫނު މޫސުމުގެ ޓްރާންސްފާގައި ކުޓީނިއޯ ނުވިއްކާނަމޭ. އޭގެ ފަހުން އަހަރެމެން ޕީއެސްޖީއާއި ވާހަކައެއް ނުދައްކަން" ޖޫރަބްޗިއަން ބުންޏެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށް ބާސެލޯނާއާއި ގުޅުނުފަހުން ކުޓީނިއޯއަށް ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިއުންތަކެއްވަނީ އަމާޒުވެފައެވެ.

ކުޓީނިއޯ ލަނޑެއް ކާމިޔާބުކުރުމަށްފަހު ބާސެލޯނާ ސަޕޯޓަރުން ކުރިމަތީ ހުއްޓިލައިގެން - ފޮޓޯ: އޭއެސް

ބާސެލޯނާއާއި ގުޅުނު ފުރަތަމަ ދުވަސްކޮޅު ކުޓީނިއޯގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައެވެ. އެސީޒަންގެ ފަހު ކޮޅު ބާސެލޯނާއާއި ގުޅުނު ކުޓީނިއޯ ކުޅުނު ފުރަތަމަ 22 މެޗުން 10 ލަނޑު ކާމިޔާބުކޮށްދިނެވެ.

އެހެންނަމަވެސް ނިމުނު ސީޒަންގައި ކުޓީނިއޯ ބާސެލޯނާއަށް 53 މެޗު ކުޅެދިންއިރު ކާމިޔާބުކުރެވުނީ އެންމެ 11 ލަނޑެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯއަށް މިފަހަކަށް އައިސް އެކަށިގެންވާ ކުޅުމެއް ނުދެއްކޭތީ، ދަނޑުމަތިން އެތަށް ފަހަރަކު ބާސެލޯނާ ސަޕޯޓަރުންވަނީ ފާޑުކިޔާފައެވެ.

ކަންމިހެން ހުރުމާއެކު ބާސެލޯނާ ދޫކޮށް ކުޓީނިއޯ ދާނެކަމަށް ޤަބޫލުކުރެވުނެވެ. އަދި ޚުދު ކުޓީނިއޯވެސްވަނީ ބާސެލޯނާ ދޫކޮށްލަންޖެހިދާނެކަމަށް ބުނެފައެވެ.

މިވަގުތު ބްރެޒިލްއާއެކު ކޮޕާ އެމެރިކާ ކުޅެމުން އަންނަ ކުޓީނިއޯ ހޯދުމަށް ޕީއެސްޖީންނާއި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ