ނެދަލެންޑް ޤައުމީޓީމަށް ކުރިން ކުޅެދިން އާޔެން ރޮބެން އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ރޮބެންވަނީ ކެރިއަރުގައި ގިނަ ކްލަބުތަކެއްގައި ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ކުރިން ނެދަލުންޑްގެ ޤައުމީޓީމަށްވެސް ކުޅެދިން ރޮބެންއަށް މިދިޔަ ސީޒަންގައިވަނީ އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ރޮބެން ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫންގައި ވަނީ ހަމަވެފައެވެ.
އުމުރުން 19 އަހަރުގައި އެފްސީ ގްރޮނިންގެންއިން ކެރިއަރު ފެށި ރޮބެންވަނީ ޕީއެސްވީ، ޗެލްސީ، ރެއަލްމެޑްރިޑް އަދި ބަޔާން މިއުނިކަށްވެސް ކުޅެދީފައެވެ.
ކެރިއަރުގައި 30 ހަށްވުރެ ގިނަ ތަށި ކާމިޔާބުކޮށްފައިވާ ރޮބެންވަނީ ބަޔާންއާއެކު 8 ބުންޑެސްލީގާ އަދި ޗެލްސީއާއެކު 2 ޕްރިމިއާލީގު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން 2013 ވަނަ އަހަރު ބާޔާންއާއެކު ޗެމްޕިއަންސްލީގުވެސް ރޮބެންވަނީ ކާމިޔާބުކޮށްފައެވެ.

އެފްސީ ގްރޮނިންގެން ދޫކޮށް 2004 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ރޮބެން ޗެލްސީއަށް 105 މެޗު ކުޅެދީ 19 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ޗެލްސީގައި ރޮބެން ޖެހިޖެހިގެން ދެ ޕްރިމިއާލީގު، 1 އެފް އޭ ކަޕްގެ އިތުރުން ލީގުކަޕް ދެފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ.
ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ރޮބެން ގުޅުނީ 2007 ވަނަ އަހަރުއެވެ. އެއަހަރު ރެއަލްމެޑްރިޑަށް ލަލީގާ ކާމިޔާބުކޮށްދިނުމުގައި ރޮބެންވަނީ އިސްރޯލެއް އަދާކޮށްފައެވެ. އަދި ރެއަލްމެޑްރިޑް ދޫކޮށް ބަޔާން މިއުނިކާއި ރޮބެން ގުޅުނީ 2009 ވަނަ އަހަރުއެވެ.
ޤައުމީޓީމަށް 96 މެޗު ކުޅެދިން ރޮބެންއަށް ޤައުމީޓީމާއެކު ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަނަސްއަޕް މެޑަލްއެވެ. އެއަހަރުގެ ފައިނަލްގައި ނެދަލެންޑް ބަލިވީ ސްޕެއިން އަތުންނެވެ.



