ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ”އަމީނީ ޑައިމަންޑް ޖްބްލީ ރަން“ ގައި ބައިވެރިވެވަޑައިގެންފިއެވެ.
އަމީނިއްޔާ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި މި ދުވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ސަރުކާރުގެ ބައެއް އަންހެން ވަޒީރުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި މި ހަރަކާތުގައި އަމީނިއްޔާ ސްކޫލުގެ އިސް ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ހިމެނިގެން 2500 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ ދުޅަހެޔޮ ސިއްޙަތަކަށް އަމާޒުކޮށް އަމީނިއްޔާ ސްކޫލުން، އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވެވި ހަރަކާތެކެވެ. މި ހަރަކާތަކީ މި އަހަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި އެންމެ ބޮޑު ހަރަކާތެވެ.
އަމީނިއްޔާ ސްކޫލްގެ ޑައިމަންޑް ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން ސިލްސިލާ ހަރަކާތްތަކެއް މިއަހަރު ކުރިޔަށް ގެންދިއުމަށް އެ ސްކޫލުން ވަނީ ރާވާފައެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން ހުޅުވި ފުރަތަމަ ސްކޫލެވެ.



