ކޮޕާއެމެރިކާ - 12 އަހަރަށްފަހު ބްރެޒިލް ދެކުނު އެމެރިކާގެ ރަސްކަމަށް

12 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ބްރެޒިލް އެމެރިކާގެ ރަސްކަމަށް އަތުވެއްޖެއެވެ.

އެމެރިކާގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ބްރެޒިލް ކާމިޔާބުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ގްރޫޕް ސްޓޭޖުގައި ވެނެޒުއޭލާ ކުޅުނު މެޗުންވަނީ 0-0 ގެ ނަތީޖާއަކުން ބްރެޒިލް އެއްވަރުވެފައެވެ. އަދި ކުއާޓާފައިނަލްގައި ޕެރެގުއާއީ ބައްދަލުކުރި މެޗުން އެއްވަރުވުމުން އެމެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށްފަހު އެމެޗު ބްރެޒިލް ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ބާކީ ކުޅުނު ހުރިހާ މެޗަކުން ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ބްރެޒިލުންވަނީ ނަތީޖާ ނެރެފައެވެ.

ބްރެޒިލްގައި ކުޅެވުނު މިމުބާރާތުގެ ފައިނަލްގައި ރޭ ޕެރޫއާއި ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނަޓްގައި އެވަޓަން ޖަހައިދިންއިރު އެލަނޑު ޖަހައިދިނުމަށް ގެބްރިއަލް ޖީސޫސްވަނީ ބޮޑު އެހީތެރިކަމެއްވެފައެވެ.

ޕެރޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީ އެއްގައެވެ. އޭރިއާތެރެއިން ޕެރޫގެ ކޫވާއަށް ބްރެޒިލްގެ ޑިފެންޑަރުކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަގުތުން ޕެނަލްޓީ ދިނެވެ. ނަމަވެސް ބްރެޒިލުން އެޕީލްކުރުމުން މިހާދިސާގައި ރެފްރީފަހުންވަނީ ވީއޭއާރުވެސް ބަލާފައެވެ. ވީއޭއާރު ބެލުމަށްފަހުވެސް ރެފްރީގެ ނިންމުން ބަދަލުނުކޮށް ޕެރޫއަށްވަނީ ޕެނަލްޓީ ދީފައެވެ.

މިޕެނަލްޓީ މެޗުގެ 44 މިނަޓްގައި ކާމިޔާބުކޮށްދިނީ ޕައޮލޯ ގޮރޭރޯއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ބްރެޒިލްގެ ކީޕަރު އެލިސަންކޮޅަށް މެޗުތެރެއިން ޖެހުނު ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލުން އިތުރު ލަނޑެއްޖަހައި އަނެއްކާވެސް ލީޑުނެގިއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ގެބްރިއަލް ޖީސޫސްއެވެ.

އެހެންނަމަވެސް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައި ގެބްރިއަލް ޖީސޫސް ދަނޑުން ފޮނުވާލާފައިވަނީ މެޗުގެ 70 ވަނަ މިނަޓްގައެވެ.

މެޗު ނިމުމުގެކުރިން ބްރެޒިލް ޓީމުންވަނީ އިތުރު ލަނޑެއްޖަހާފައެވެ. ޕެނަލްޓީއަކުން ޖެހި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ.

މިމުބާރާތް އެންމެފަހުން ބްރެޒިލް ކާމިޔާބުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން 2007 ގައެވެ. އަދި 2016 ވަނަ އަހަރުގެ އަހަރުގެ އޮލިމްޕިކް ރަން މެޑަލްއަށްފަހު ބްރެޒިލްއަށް އިތުރު މުބާރާތެއް ކާމިޔާބުކުރެވޭގޮތް މިހާތަނަށްވަނީ ނުވެފައެވެ.

ބްރެޒިލްގައި ބޭއްވޭ ކޮންމެ ކޮޕާ އެމެރިކާއެއްވެސް އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުމުރުން 36 އަހަރުގެ ޑަނި އަލްވޭސްއެވެ. އެންމެ މޮޅު ކީޕަރަކީ ބްރެޒިލްގެ ކީޕަރު އެލިސަންއެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ބްރެޒިލްގެ އެވަޓަންއެވެ. މުބާރާތުގެ ފެއަރޕްލޭއަކީވެސް އަދި ޗެމްޕިއަންއަކީވެސް ބްރެޒިލްއެވެ.

އަންނަ އަހަރުވެސް ކޮޕާ އެމެރިކާ ބާއްވަން ހަމަޖެހިފައިވާއިރު، މުބާރާތް އޮންނާނީ ކޮލަމްބިއާ އަދި އާޖެންޓީނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ