ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢައިމިނަތު ޝާޔަން ޝާހިދު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކޮށްދިނުމަށް ކޯޓު އަމުރަކަށް އޭސީސީން އެދިއްޖެއެވެ.
އޭސީސީން ކޯޓު އަމުރަކަށް އެދިފައި މިވަނީ އެ ކޮމިޝަނުގެ ތަހުގީގަށް ޝާޔަން ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެފައިނުވުމުންނެވެ. ޝާޔަން އޭސީސީއަށް ހާޒިރު ކުރަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖުމަންޓު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅީގެންނެވެ. ނަމަވެސް ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.
ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ މެނޭޖުމަންޓުން ފަށާފައިވާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފާހަގަކުރެވުނު 20 އަށް ވުރެ ގިނަ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) އަށް ޙާޒިރުވެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުން ޖުލައި 03 ވަނަ ދުވަހު ޕީއެސްއެމް އިންވަނީ ބަޔާނެއްވެސް ނެރެފައެވެ.
މި ކޮމެޓީގައި، ޕީއެސްއެމްގެ މައްސަލަތަކުގެ ތަހުގީގަށް އެކުންފުނީގެ ކުރީގެ ބޯޑުގެ މެމްބަރަކު، ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާ ކަމަށް އޭސީސީއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން މެންބަރެއްކަން އެ ބައްދަލުވުމުގައި ވިދާޅުވެފައެއްނުވެއެވެ.