މިއަދު ކުޅެވުނު މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ޕެންޓަގްރާމް ހިރަފުސް ކަޕް - ހިޔަ ބަލިކޮށް ސާއްބައިން ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަނާއިއެކު ކުޅެވުނު ފޯރިގަދަ މެޗުން މޮޅުވެ، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބުން މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރަތުންވެސް ފިޒިކަލް ގޭމެއް ފެނިގެންދިޔަ މިމެޗު ސާއްބައިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވަރަށް ފޯރިއާއެކު މޮޅު ކުޅުމެއް ދައްކަމުންދިޔަ ހިޔައިން މެޗުގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 18 ވަނަ މިނަޓްގައެވެ. މިލަނޑު ޖަހާފއިވަނީ އެޓީމުގެ ޖާޒީ ނަންބަރު 12 އަޙްމަދު ނަދީމެވެ.

ހިޔަގެ މިލަނޑާއެކު ސާއްބައިން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރިއެވެ. އަދި ފުލުފުލުން ކުރަމުންދިޔަ ނުރައްކާތެރި ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ސާއްބަ އަދި ހިޔަ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 11 އާސިފް ސަލީމެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގެވެސް ކުރީކޮޅު ރަނގަޅަށް ކުޅެފައިވަނީ ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަންއެވެ. އެހެންނަމަވެސް 55 ވަނަ މިނަޓްގައި ސާއްބަ އެކުވެރިންގެ ކްލަބުގެ ނޫރުއްﷲ ޠޯޙާ ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސާއްބަ އެކުވެރިންގެ ކްލަބުގެ ޖާޒީ ނަންބަރު 04 އިބްރާހިމް ޚަލީލުއެވެ.

ކުޅުދުއްފުށީ ޕެންޓަގްރާމްއިން ސޮޕަންސާ ކޮށްގެން ކުރިއަށް ގެންދާ ހިރަފުސް ކަޕުގައި މިއަދު ކުޅެވުނު ފޯރިގަދަ މެޗު ބަލާލުމަށްޓަކައި ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑު ސަރަޙައްދަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުމާއި ބައްދަލުކޮށް 4-3 ގެ ނަތީޖާއަކުންވަނީ ބަލިވެފައެވެ.

މިމުބާރާތުގައި މާދަމާ ކުޅެވޭ ގްރޫޕް 1 ގެ މެޗުގައި ބައްދަލުކުރާނީ ސްކައި އަދި ކޮރަލްސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ