ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ލިބިއްޖެ އެވެ.
ކ. ކޮއްދިއްޕަރު ރިސޯޓަށް ލިބިފައިވަނީ ލަގްޒަރީ ސްޕާ ރިޓްރީޓް އެވޯޑާއި ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އެވޯޑު އަދި ލަގްޒަރީ އެކޯ ސްޕާ އެވޯޑެވެ. މި ތިން އެވޯޑަކީ ކޮންޓިނެންޓް ލެވަލްގައި ލިބުނު އެވޯޑު ތަކެކެވެ.
ކޮއްދިއްޕަރުން ވަނީ މިދިޔަ އަހަރު ވެސް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ހާސިލްކޮށްފަ އެވެ.
މިއީ މުޅި ދުނިޔެއިން ސްޕާތަކާއި ރެސްޓޯރެންޓުތައް ވާދަކުރާ އެވޯޑެކެވެ. މި އެވޯޑަށް ރިސޯޓުތައް ހޮވަނީ ޖަޖުންގެ ހާއްސަ ޕެނަލަކުންނެވެ.
ވޯލްޑް ލަގްޒަރީ އެވޯޑު ބާއްވާތާ ހަތަރު އަހަރު ވެފައިވާއިރު މިއަހަރުގެ އެވޯޑުތަކަށް 90 ގައުމަކުން 450 ސްޕާ އާއި 270 ރެސްޓޯރެންޓު ވަނީ ނޮމިނޭޓް ވެފަ އެވެ.
ރާއްޖޭގެ ކޮއްދިއްޕަރު ރިސޯޓަށް މި އެވޯޑު ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ރަޝިއާގައި ބޭއްވި ހާއްސަ ހަފުތާއެއްގަ އެވެ.
ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި އޮތް ކޮއްދިއްޕަރުގައި ރިސޯޓަށް ހަދައި ހުޅުވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ރިސޯޓުގައި 120 ވިލާ ހުރެ އެވެ.




