ޕެންޓަގްރާމް ހިރަފުސް ކަޕް - ފަހު މެޗުން މޮޅުވެ ބީއެސްއޭ ގްރޫޕްގެ ފުލުން ސަލާމަތް ވެއްޖެ

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެ، ބަސީރު ސްޕޯޓްސް އެކަޑަމީ އެ ގްރޫޕްގެ ފުލަށް ނުގޮސް ސަލާމަތް ވެއްޖެއެވެ.

މިއަދު މެޗުން މޮޅުވެ، ބަސީރު ސްޕޯޓްސް އެކަޑަމީއަށް ގްރޫޕްގެ ހަތަރު ވަނަ ލިބެނީ ކުޅުނު ހަތަރު މެޗުން ލިބުނު ޖުމްލަ 3 ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ އެންމެ ފުލަށް ދިޔައީ މިއަދުގެ މެޗުން ދަށްވި ޒިގްޒެގެވެ. އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިއަދުގެ މެޗަކީ މުބާރާތުގައި މާމުހިންމު މެޗަކަށް ނުވިނަމަވެސް މިދެޓީމުންވެސް ގްރޫޕްގެ ފުލަށް ނުދިއުމަށް ނިކުތް މިމެޗު ފެށުމާއެކު ދެޓީމުވެސް ފަށާފައިވަނީ ފުރަތަމަ 11 ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. އެގޮތުން ސީނިއާ ޓީމުގެ ބަދަލުގައި ދެޓީމުންވެސް މެޗު ފައްޓާފައިވަނީ ޒުވާން ކުޅުންތެރިން ހިމަނައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޒިގްޒެގުގެ މުސްތަފާ ޙުސައިން ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނަޓްގައެވެ.

ހިތްވަރާއެކު ގިނަ ވަގުތު ބޯޅަ ގެންގުޅެ، މޮޅަށް ކުޅެމުންއައި ބަސީރު ސްޕޯޓްސް އެކަޑަމީއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. 39 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ޖަހައިދިނީ ޙުސައިން މުޙައްމަދެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީ މޮޅުވި ލަނޑު މެޗުގެ 58 ވަނަ މިނަޓްގައި ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 އަޔާން މުޙައްމަދެވެ.

ބީއެސްއޭގެ މިލަނޑަކާއެކު ނަތީޖާ އަނބުރާލުމަށް ޒިގްޒެގުންވަނީ ޓީމުގެ ސީނިއާ ކުޅުންތެރިން ކުޅެން ނެރެފައެވެ. ނަމަވެސް އެކްލަބަށްވަނީ އިތުރު ލަނޑެއްޖެހޭފަދަ ނުރައްކާތެރި ޙަމަލާއެއް ބީއެސްއޭ ގޯލަށް ފޮނުވާލެވޭގޮތް ނުވެފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަސީރު ސްޕޯޓްސް އެކަޑަމީގެ ޖާޒީ ނަންބަރު 7 އަޙްމަދު އިބްރާހިމްއެވެ.

މިމުބާރާތުގައި ކުރިއަށް ދެން އޮތީ ސެމީ ފައިނަލްއެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗު މިމަހުގެ 17 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެމެޗުގައި ބައްދަލުކުރާނީ ސްކައި އަދި ލައިކަންއެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސާއްބަ އެކުވެރި ކްލަބާއި ކަލްބު ތިލަދުންމައްޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ