އަޔޭކްސްއަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޑިފެންޑަރު މަޓިޗް ޑެލީޓް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި ގުޅެން އެއްބަސް ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މެޑިކަލް ޓެސްޓްތައް ހެދުމަށް ޑެލިޓް މިއަދު ޓިއުރިން އަންނާނެކަމަށް ރިޕޯޓްތައް ބުނާއިރު އޭނާގެ ޓްރާންސްފާ ކަންތައްތައް މާދަމާ ނިމިގެންދާނެކަމަށްވެސްވެއެވެ.
ޔުވެންޓަސްއިން ޑެލީޓް ހޯދުމަށް އަޔޭކްސްއަށް 75 މިލިއަން ޔޫރޯ ހުށައެޅިކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިޓްރާންސްފާއަށްފަހު، ޑެލީޓް ވެގެންދާނީ އިޓަލީގެ ކްލަބަކުން ގަތް އެންމެ އަގު ބޮޑު ޑިފެންޑަރަށެވެ.
އަޔޭކްސްއަށް 117 މެޗު ކުޅެދީ 13 ލަނޑު ކާމިޔާބުކޮށްދިން ހުނަރުވެރި ޒުވާން ޑިފެންޑަރު ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބު ތަކުން މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ބަޔާން މިއުނިކް އަދި ބާސެލޯނާ ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑެލީޓްގެ ސޮއި ހޯދުމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ފަހު ވަގުތުވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އޭރު ޑެލީޓްވަނީ ޔުވެންޓަސްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
ނިމިގެން ދިޔަ ނޭޝަންސް ލީގުގައި ނެދަލެންޑާއެކު މޮޅުކުޅުމެއް ދެއްކި ޑެލީޓް ގާތު ޔުވެންޓަސްއަށް އައުމަށް ފައިނަލްގައި ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެލީގުގެ ފައިނަލް މެޗަށްފަހު އޭނާގާތު ބުނިކަމަށް ޑެލީޓްވަނީ މީގެކުރިން ބުނެފައެވެ.



