"އެފްއެސްއެމް އީޒީ ފިލް-3 ޕަމްޕް ސްޓޭޝަން"، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕަންޕް ސްޓޭޝަން ހުޅުވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
މިއަދު މި ހުޅުވުނު ޕަންޕް ސްޓޭޝަން އިން ރައްކާތެރި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް، ޕަމްޕް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ނިޔާޒް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މިއަދު ހުޅުވި ޕަންޕް ސްޓޭޝަނަކީ އެ ކުންފުނީގެ ހިދުމަތަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.
ގަސަމް ވިދާޅުވީ މިހާރު ހުރި ސްޓޯރޭޖް އަކީ އެންމެ އެކަށީގެންވާ ސްޓޯރޭޖްއެއް ނޫން ކަމަށާއި، ދޯނި ފަހަރަށާއި އެއްގަމު އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު ސްޓޯރޭޖް ފިލް ކުރަން ޖެހޭ ކަމަށެވެ.
ގަސަމް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ހުރި ސްޓޯރޭޖް އިތުރުކޮށްދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެހީތެރިކަމަށް ވާނީ އެދިފާ ކަމަށާއި، އެހެންކަމުން ކައިރި ހިސާބަކުން އިތުރު ސްޓޯރޭޖެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގަސަމް ވިދާޅުވިއެވެ.
ތެލުގެ ވިޔަފާރިއަކީ، ވިޔަފާރިއަކަށް ވުރެ ބޮޑަށް، ރައްޔިތުންނަށް ދޭ ހިދުމަތަކަށް ވާތީ އެންމެ އެދެވޭ ގޮތުގައި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހުން މުހިންމުކަން ގަސަމް ފާހަގަ ކުރެއްވި އެވެ.



