ކޮނާމީ އަދި އީފުޓްބޯލް ޕްރޮ އެވޮލިއުޝަން ސޮކާ 2020 އާއެކު ރަސްމީ އެއްބަސްވުމެއްގައި ޔުވެންޓަސް ސޮއިކޮށްފިއެވެ.
މި އާއެއްބަސްވުމާއެކު ސީރިއާ ޗެމްޕިއަން ޔުވެންޓަސް ހިމެނިގެންދާނީ ހަމައެކަނި ޕެސްގެ ގޭމް ތަކުގައެވެ.
އަދި އީއޭއިން ދެން ނެރޭ ފީފާ 20 އަށް ޔުވެންޓަސްގެ އޮފިޝިއަލް ލައިސެންސެއް ނުލިބޭނެއެވެ. މާނައަކީ އީއޭއިން ދެން ނެރޭ ގޭމުތަކުގައި ޔުވެންޓަސްގެ އޮފިޝިއަލް ޖާޒީއާއި، އެޓީމުގެ ނަން އަދި ސްޓޭޑިއަމްވެސް ނުހިމެނޭނެއެވެ.
"ކޮނާމީއާއެކު ހަދާފައިވާ ރަސްމީ އެއްބަސްވުމުގެ ދަށުން ޔުވެންޓަސްގެ އޮފިޝިއަލް ލައިސެންސް ލިބިގެންދާނީ ޕެސްއަށް. ޕެސްގައި ޔުވެންޓަސްގެ އޮފިޝިއަލް ޖާޒީއާއި، ނަން އަދި ސްޓޭޑިއަމްވެސް ހިމެނިގެންދާނެ" ޔުވެންޓަސްގެ ވެބްސައިޓްގައިވެއެވެ.
ޕެސްގައި ޔުވެންޓަސްގެ ކުޅުންތެރިންނާއި ސްޓޭޑިއަމް ފެނިގެންދާގޮތް ވީހާވެސް އަސްލު ކުރުމަށް މިހާރުވެސް އެފަރާތުންދަނީ ކުޅުންތެރިންގެ 3ޑީ ސްކޭންތަކާއި ޔުވެންޓަސްގެ އެލިއަންސް ސްޓޭޑިއަމްގެ ކުރެހުންތައް ބަލަމުންނެވެ.
ޕެސްއާއެކު ޔުވެންޓަސް ހަދާފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ޔުވެންޓަސްގެ މިއެއްބަސްވުމާއެކު އީއޭ ސްޕޯޓްސްގެ ގޭމުތަކުގައި އެކްލަބު ރަސްމީކޮށް ބޭނުންކުރުން މަނާވިނަމަވެސް، އީއޭއިން ކުރިއަށް ނެރޭ ފީފާގެ ގޭމްތަކުގައި ޔުވެންޓަސް އެހެން ނަމެއްގައި މުޅިން ތަފާތު ޖާޒީއަކާއެކު ހިމަނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.




