މިހާރު ކުރިއަށް މިދާ ޓްރާންސްފާ ވިންޑޯގައި އަގުބޮޑު ކުޅުންތެރިއަށް ލިވަޕޫލަށް ގެންނާނެކަމަށް އުންމީދު ނުކުރުމަށާއި މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީ ގޮތަށް އަހަރަކު 300 މިލިއަން ޕައުންޑް ޚަރަދު ކުރެވެން ނެތްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
މީގެ ކުރިންދިޔަ ދެ ޓްރާންސްފާގައި ލިވަޕޫލްއިންވަނީ ބޮޑެތި ޚަރަދުތަކެއްކޮށް ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. އަދި އެޓީމާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު އުފުލާލިއިރު، ޕްރިމިއާ ލީގުގައިވެސްވަނީ ސިޓީއަށް ވަރުގަދަ ޗެލެންޖެއް ދީފައެވެ.
ލިވަޕޫލު ވަރުގަދަ ކުރުމަށް އެޓީމުން ބޮޑެތި ޚަރަދުތަކެއްކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކީޕަރު އެލިސަން، ޑިފެންޑަރު ވެންޑައިކް އަދި ފަބީނިއޯއެވެ.

އެހެންނަމަވެސް މިހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން އަދި މިހާތަނަށް ގެނެސްފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ޒުވާން ސެޕް ވެން ޑެން ބާގްއެވެ. އަދި ފުލްހާމްގެ ޒުވާން ހާވޭ އެލިއަޓްގެ ސޮއިވެސް ވަރަށް އަވަހަށް ލިވަޕޫލުން ހޯދާނެކަމަށް ރިޕޯތްތައް ބުނެއެވެ.
ސްކޮޑަށް ބަދަލުތަކެއް ނުގެނެސް ކުރިއަށްއޮތް ސީޒަން ފަންޓައް ކްލޮޕްހުރީ ތައްޔާރަށެވެ.
"މިހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި މާ ބޮޑެތި ޚަރަދުތަކެއްކުރުމުގެ ވިސްނުމެއްނެތް. މިދިޔަ ދެއަހަރު ރަނގަޅު އިންސްވެސްޓްމެންޓެއްކޮށް ވަރުގަދަ ޓީމެއްވަނީ އެކުލަވާލެވިފައި. ކޮންމެ އަހަރަކު އެފަދަ ބޮޑެތި ޚަރަތުތަކެއް ނުކުރެވޭނެ" ކްލޮޕް ބުންޏެވެ
މީގެ އިތުރުން ކްލޮޕް ބުނީ، އިތުރު ކުޅުންތެރިން ޓީމެއް ނުގެންނާތީ ބައެއް ސަޕޯޓަރުން ހިތްހަމަ ނުޖެހޭކަން އެނގޭކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ސީޒަނަށްވެސް ލިވަޕޫލް ނުކުންނާނީ މިހާރު އޮތް ޓީމާއެކު ކާމިޔާބީތަކެއް ހޯދުމުގެ އުންމީދުގައި އެކަމަށް ތައްޔާރުވެގެންކަމަށެވެ.
އަދި އިންޖަރީގައި ހުރި ކެއިޓާ އާއި ޝަގީރީ ޓީމާއި ގުޅުމުން އިތުރަށް ޓީމު ވަރުގަދަ ވެގެންދާނެކަމަށް ކްލޮޕްވަނީ ބުނެފައެވެ.



