މޮރިޝަސްގައި މިހާރު ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދިދަ މޮރިޝަސް ކަނޑުގައި ވިހުރުވާލަން ރާއްޖޭގެ މަޝްހޫރު ސެއިލާ އައިޝަތު ރިޒުނާ ތައްޔާރުވެއްޖެއެވެ.
އައިޝަތު ރިޒުނާ (ރިޒޫ) އަކީ ފިސާރި ކަނބަލެކެވެ. އެހެން އަންހެނުންނަށް ހުރި މިސާލެކެވެ. އަންހެނުންނަށްވެސް ކަނޑުތަކުގައި ކައްޕިކަން ކުރެވޭނެކަން ފިސާރި ކެރިގެން ސާބިތުކޮށްދިން ރިޒޫއަކީ އިންޓަނޭޝަނަލް އޮލިމްޕިކް އެތުލީޓް ކެރިއަރ ޑެވެލޮޕްމެންޓް ޕްރޮގްރާމް ފުރިހަމަކުރި ފުރަތަމަ އަންހެން ކައްޕިއެވެ.
މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރިޒޫ ސެއިލްކުރުމަށް ހަމަޖެހިފައިވާއިރު، ރިޒޫ ބައިވެރިވާނީ ލޭޒާ 4.7 ގެ އިތުރުން ޓީމު ރޭހުގައެވެ.
ރިޒޫއަކީ ބޭރުގެ ކަނޑުގައި ރާއްޖެ ތަމްޞީލްކުރާ ހަމައެކަނި އަންހެނާއެވެ.



