އެންމެފަހުގެ ޗެމްޕިއަން ހުސެއިން ފަޔާޒް ބަލިކޮށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އުއްމީދީ ކުޅުންތެރިޔާ އަހުސަން ހާޝިމް ހޯދައިފިއެވެ.
އެޕްޕީބީއޭ ކުލަބް ހައުސްގައި ބޭއްވި މި މުބާރާތުގެ ތަށި އަހުސަން ހާޝިމް ހޯދީ ފައިނަލުގައި ހުސެއިން ފަޔާޒާއި ވާދަކޮށް ރޭސް ޓު ނައިން ފްރޭމުންނެވެ. މި މެޗު އޭނާ ކާމިޔާބުކުރީ 9 ފްރޭމް 7 ފްރޭމުންނެވެ. މި މެޗުގައި އަހުސަން ހާޝިމްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ފިރިހެން ބައިގެ ތިންވަނަ ހޯދާފައިވާ ކުޅުންތެރިއަކީ ހަސަން ޝާޒު މުހައްމަދެވެ.
ހުސެއިން ފަޔާޒަކީ މިދިޔަ އަހަރު ބޭއްވި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ.
މީގެއިތުރަށް ފަޔާޒަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ބިލިއާޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ހަލީމް (ދިލް) އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދީނާ އަހުމަދުގެ މައްޗަށް 5 ފްރޭމް 3 ފްރޭމުން ކުރިހޯދައިގެންނެވެ.
މިއީ އެމްޕީބީއޭ އިން އަންހެން ކުޅުންތެރިންނަށް ރޭންކިން ދޭން ފެށި ފުރަތަމަ އަހަރެވެ. މި ރޭންކިން އިން ކުރި ލިބޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބިގެންދާނެއެވެ. އަންހެން ބައިގެ ތިންވަނަ ހޯދާފައިވަނީ އައިޝަތު ޒީނާ އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު ސަމީރު އެވެ.
އެއްވަނަ ދެވަނަ އަދި ތިންވަނަ ކުޅުންތެރިޔާގެ އިތުރަށް މުޅި މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ދުންޔާޒް މުހައްމަދާއި އިސްމާއިލް ސުވެއިދާއި ހުސެއިން ސަނީފް އަދި މުހައްމަދު ޝާހިދު އާއި މުހައްމަދު ޝަރީފު އެވެ.




