ކޮނާމީ އަލަށް ލޯންޗުކުރަން ތައްޔާރުވާ ޕްރޯ އެވެލިއުޝަން ސޮކާ 2020 ސްޓޭންޑާޑް އެޑިޝަންގެ ކަވަރުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމަނައިފިއެވެ. އަދި ލެޖެންޑް އެޑިޝަންގައި މެސީއާއެކު ރޮނާލްޑީނިއޯވެސްވަނީ ހިމަނާފައެވެ.
މިފަހަރުގެ ގޭމް އިތުރަށް ވަރުގަދަ ކުރުމަށް ކޮނާމީން އަންނަނީ ގޭމުގެ ފީޗާތައް ވަރުގަދަ ކުރަމުންނެއެވެ.
އަދި ދާދިފަހުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއެކު އެއްބަސްވުމަށްއައިސް އެކްލަބުގެ އޮފިޝަލް ލައިސެންސްވެސްވަނީ ހޯދާފާއެވެ. މިއާއެކު ވާދަވެރި އީއޭ ސްޕޯޓްސް ނެރެމުން އަންނަ ފީފާގައި ޔުވެންޓަސްގެ އޮފިޝިއަލް ޖާޒީއާއި، އެޓީމުގެ ނަން އަދި ސްޓޭޑިއަމްވެސް ހިމެނުން މަނާ ވާނެއެވެ.
ޕެސް 2020 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރު 2019 ގައެވެ. އަދި މިގޭމުގެ ޑެމޯ 30 ޖުލައިން ފެށިގެން ކުޅެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެސްއާ ވާދަވެރި އީއޭ ސްޕޯޓްސްގެ ފީފާ 20 ނެރުމަށް ހަމަޖެހިފައިވަނީ ޕެސް 2020 ނެރޭތާ ދެ ހަފްތާ ފަހުން 27 ސެޕްޓެމްބަރު 2019 ގައެވެ.
މިދިޔަ އަހަރުގެ ގޭމަށްވުރެ ޕެސްއިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ގޭމްގެ އަގު ހެޔޮއިރު، އިނގިރޭސި ވިލާތުގައި ޕެސް 2020 ސްޓޭންޑާޑް އެޑިޝަންއެއް އުޅެނީ 47.99 ޕައުންޑަށެވެ. އަދި ލެޖެންޑް އެޑިޝަންއެއް ވިއްކަނީ 59.99 ޕައުންޑަށެވެ.
އަދި ލޯޔަލް ކުޅުންތެރިންނަށް 10 ޕަސެންޓްގެ ޑިސްކައުންޓަކާއެކު ޕެސް 2019 ގޭމްގެ ތެރެއިން އޯޑަރު ކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.
ޕެސް 2020 އެކްސް ބޮކްސް، ޕީއެސް 4 އަދި މައިކްރޯސޮފްޓް ވިންޑޯސް ޕީސީން ކުޅެވޭނެއެވެ.
ޕެސް 2020 ގެ އޮފިޝިއަލް ޕާޓުނަރުންގެ ގޮތުގައި ޔުވެންޓަސް، ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް އަދި ބަޔާން މިއުނިކް ހިމެނޭއިރު އާސެނަލްއަކީވެސް ލައިސަންސްކުރެވިފައިވާ ޓީމެކެވެ.




