ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގަރެތު ބޭލް އެކްލަބު ދޫކޮށްލާނެކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިނަދިން ޒިދާން ބުނެފިއެވެ. ޒިދާން އިތުރަށް ބުނެފައިވަނީ ވީހާވެސް އަވަހަކަށް ބޭލް ވިއްކާލަން ބޭނުންކަމަށާއި އަދި އެކަމާ އުޅެމުންދާކަމަށެވެ.
އިންޓަނޭޝަލް ޗެމްޕިއަންޝިޕް ކަޕުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެކޮޅަށް ރޭ ފަތިހު ކުޅުނު މެޗުން ރެއަލްމެޑްރިޑް ދަށްވީ 3-1 ގެ ނަތީޖާއަކުންނެވެ.
އެމެޗަށް ޒިދާން ނެގި ޓީމުގައި ބޭލް ހިމަނާފައެއްނުވެއެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޒިދާން ރޭ ނެރުނު ޓީމުގައ ބޭލް ހިމަނާފައިނުވާއިރު ބޭލްއަށް އަނިޔާގެ ވެފައިވާކަމުގެ އެއްވެސް އަޑެއް ނީވެއެވެ.
އެހެންކަމުން މެޗުގައި ބޭލް ހިމަނާފައިނުވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޒިދާން ބުނީ ބޭލް ޓީމުގައި ހިމަނާފައިނުވަނީ ރެއަލްމެޑްރިޑުން ބޭލް ވިއްކާލަށް މަސައްކަތްކުރަމުންދާތީކަމަށެވެ.
"އަހަރެން ބޭނުން ވީހާވެސް އަވަހަށް އެކަންވާން. މާދަމާވެސް އެކަން ވެއްޖިއްޔާ ވަރަށް ރަނގަޅު" ޒިދާން ބުންޏެވެ.
މީގެއިތުރުން ޒިދާން ބުނީ ބޭލްއާ ދެމެދު ޒާތީ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ބައެއް ކަންތައްތައް ކުރަންޖެހޭ ވަގުތު އައުމުން އެކަންތައްތައް ކުރަންޖެހޭނެކަމަށާއި، އެކަންތައްތަކުގެ ނިންމުން ނިންމަން މިހާރު ހުރީ އޭނާ ކަމަށެވެ.
އުމުރުން 30 އަހަރުގެ ބޭލް ރެއަލްމެޑްރިޑްގައި މިހޭދަކުރި ހަސީޒަންގައި އެކްލަބަށް 231 މެޗު ކުޅެދީފައިވާއިރު 102 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި 4 ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އެކްލަބަށް އެހީތެރިވެދީފައިވެއެވެ.
މިހާރު ދެން ސުވާލަކީ ކުރިއަން އޮތް ސީޒަންގައި ބޭލް ފެންނާނީ ކޮން ކްލަބަކުންބާއެވެ؟



