ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު އެއްޓީމަކަށް ކުޅެލަން ފުރުޞަތު ލިބުމުން އެކަމާ އުފަލުންހުރި އެންޓޮއިން ގްރިޒްމަން ބުނި ގޮތުގައި ބާސެލޯނާއިން މެޗު ކުޅެގަންނައިރު ވީޑިއޯ ގޭމް ޗީޓް ކޯޑެއް ގެންގުޅޭހެން ހީވާކަހަލައެވެ.
ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ގްރިޒްމަން މިހިނގާ ޖުލައިމަހު ބާސެލޯނާއާއި ގުޅުނީ 120 މިލިއަން ޔޫރޯއަށެވެ. ގްރިޒްމަން ބާސެލޯނާއާއެކު ހަދާފައިވަނީ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
ގްރިޒްމަންއާއެކު ބާސެލޯނާގެ ކުރި ވެގެންދަނީ އިދިކޮޅު ޓީމުތަކުން ޖެހިލުންވާފަދަ ހަލުވި، ހުނަރުވެރި، ވަރުދަގަ ކުރިއަކަށެވެ. މެސީ، ސުއަރޭޒް، ކުޓީނިއޯ އަދި ޑެމްބެލޭ މިހާރުވެސް ބާސެލޯނާގައި ވަަރުގަދަ ކުޅުމެއް ދައްކަމުން އަންނައިރު އެކުޅުންތެރިންނާއެކު ކުޅެން ނުކުތްނަށް ގްރިޒްމަންހުރީ ކެތްމަދުވެފައެވެ.
ގްރިޒްމަން އިތުރަށްބުނީ އެންމެ ބޮޑު ހިތްވަރެއް ލިބެނީ ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ކަމަށެވެ.

"ބާސެލޯނާއިން ސުއަރޭޒް، މެސީ، ޑެމްބެލޭ، ޑިޖޮން ފަދަ މޮޅެތި ކުޅުންތެރިންނާއެކު ތައްޔާރުކުރަމުން އަންނަ ޓީމަކީ ވީޑިއޯ ގޭމެއްގެ ޗީޓް ކޯޑު ކަހަލަ ވަރުގަދަ ޓީމެއް." ގްރިޒްމަން ބުންޏެވެ.
ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީވެސް ހުނަރުވެރި މޮޅު ކުޅުންތެރިންކަމަށާއި ޓީމަށް ނަގާނެ ކުޅުންތެރިން އެނގޭނީ ކޯޗަށްކަމަށް ގްރިޒްމަން ބުނެފައިވާއިރު، ބޭނުންވަނީ ބާސެލޯނާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށް ސަޕޯޓަރުން ހިތްހަމަޖައްސައިދިނުމަށްކަމަށް ގްރިޒްމަންވަނީ ބުނެފައެވެ.
"މެސީއާއެކު އެއްޓީމަކަށް ނުކުންނަށް މިހުރީ ކެތްމަދުވެފަ. ބޭނުން މެސީ ޓްރެއިނިންގގައާއި މެޗުގައި ކުރާކަންތައްތައް އަހަރެންނަށްވެސް ކުރެވޭތޯ ބަލަން. ދަނޑު މަތިންނާއި ދަނޑު ބޭރުން މެސީ ދަސްކުރަން ބޭނުން" ގްރިޒްމަން ބުންޏެވެ.
އުމުރުން 28 އަހަރުގެ ގްރިޒްމަން ބުނީ މިއަދު ރެއަލް ސޮސިޑޭޑް ދޫކޮށް އެތުލެޓިކޯއަށް ބަދަލުވިއިރު ކުރެވުނު އިޙްސާސްތައް ކުރެވޭކަމަށާއި، ހިތުގައި އެދެކްލަބު އަބަދުވެސް އޮންނާނެކަމަށެވެ.



