ބޭލް އަދި ނޭމާ ބަދަލުކުރަން ޕީއެސްޖީ އޮތީ ތައްޔާރަށް!

ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް އާއި ފައިސާކޮޅަކަށް ޕީއެސްޖީގެ ތަރި ނޭމާ ބަދަލުކުރަން ޕީއެސްޖީ ތައްޔާރަށް އޮތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހޫނު މޫސުމުގެ ޓްރާންސްފާގައި ބޭލް ރެއަލްމެޑްރިޑުން ވިއްކާލަން ބޭނުންވާކަން އިއްޔެ އިއްޔެ އެކްލަބުންވަނީ އިޢުލާންކޮށްފައެވެ. ސަބަބަކީ ޒިދާންގެ ޓީމުގައި ބޭލް ނުހިމެނުމެވެ.

އިއްޔެ ބަޔާން މިއުނިކް އަދި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗުގައި ބޭލް ބައިވެރިނުކުރީ އޭނާ ވިއްކާލަން ކްލަބުން މަސައްކަތްކުރާތީކަމަށާއި، އެކަން ވާނެކަމަށް އުންމީދުކުރާއިރު، ވީހާވެސް އަވަހަކަށް އެކަންވެއްޖެއްޔާ ވަރަށް ރަނގަޅުކަމަށް އިއްޔެ ނޫސްވެރިރަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުންޏެވެ.

މީގެއިތުރުން ޒިދާން ބުނީ ބޭލްއާ ދެމެދު ޒާތީ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ނަމަވެސް ބައެއް ކަންތައްތައް ކުރަންޖެހޭ ވަގުތު އައުމުން އެކަންތައްތައް ކުރަންޖެހޭނެކަމަށާއި، އެކަންތައްތަކުގެ ނިންމުން ނިންމަން މިހާރު ހުރީ އޭނާ ކަމަށެވެ.

އަނެއްކޮޅުން ނޭމާއާއި ޓީމު މެނޭޖްމެންޓާ މައްސަލަތަކެއް ޖެހެމުން އަންނަތާ ދުވަސްތަކެއްވެފައި އޮތް ޕީއެސްޖީ ނޭމާ ވިއްކާލަން ބޭނުންވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޕީއެސްޖީ ބޭނުންވާފަދަ އެކަށީގެންވާ އަގެއް ނޭމާ އެއްވެސް ޓީމަކުން އަޅާފައިނުވާތީ ޕީއެސްޖީއަށް ނޭމާ ވިއްކާލެވޭގޮތްވަނީ ނުވެފައެވެ.

ޚުދު ނޭމާވެސްހުރީ ސްޕެއިންއަށް އެނބުރި އަންނަން ބޭނުންވެފައެވެ. ބޭނުންވަނީ ކުރީގެ ކްލަބު ބާސެލޯނާއަށް އަންނަންކަމަށް ނޫސްވެރިޔަކަށްކުރި ސުވާލަކަށް ޖަވާބުދެމުން ނޭމާ ބުންޏެވެ. އެހެންނަމަވެސް ބާސެލޯނާއިން ދާދިފަހަކުން ބޮޑު އަގެއް ދީފައި އެޓީމަށް ގްރިޒްމަން ގެނެސްފައިވުމުގެ ސަބަބުން ނޭމާފަދަ އަގު ބޮޑު ކުޅުންތެރިއެއް އަނެއްކާ ގެންނަން އުނދަގޫވާނެއެވެ.

ޕީއެސްޖީ މިގޮތް ބޭނުންނަމަ، މިޑީލު ކުރިއަށް ގެންދަން ރެއަލްމެޑްރިޑް އޮންނާނީ އުފަލުން ތައްޔާރަށްކަމަށްވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ