ބޮލީވުޑްގެ އެވޯޑް ޝޯވއެއް ރާއްޖޭގައި ބާއްވަނީ

ބޮލީވުޑްގެ ފިލްމް އެވޯޑް ދިނުމުގެ ހަފްލާއެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އެވޯޑް ޝޯވއެއް ބޭއްވިގެން ދިޔުމުން ރާއްޖެއަށް ގިނަ އަދަދެއްގެ އިންޑިއާގެ ފިލްމީ ތަރިން ޒިޔާރަތްކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިކަމާއި ގުޅޭގޮތުން އިންޑިއާގެ ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ކަންތައްތައް ފައިނަލްވުމުން އެކަމާއި ގުޅޭ އިތުރު ތަފްސީލް ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"މި ދޭތެރެއިން ޝާޙް ރާއްޖެއަށް އައުމުން ވަރަށް ގިނަ މީހުން އަޅުގަނޑަށް މެސެޖް ކުރި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެކްސްޕެކްޓޭޝަން ހުރި ގޮތް އެގިގެންދިޔަ، އެވޯޑް ޝޯވްއެއް ރާެއްޖޭގައި ބޭއްވިގެން ދިޔައީމަ ބައިވަރު ފިލްމީ ތަރިން ގެނެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވަޙީދު ވިދާޅުވީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރއަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތުދީފައިވާ ކަމަށެވެ. މިދަތުރާއި އެކުވެސް ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް ޤައުމަކީ އިންޑިއާއެވެެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާމިވަނީ ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ