ރާއްޖޭގެ ހިތްގައިމު މާހައުލުތަކުގައި އެމެރިކާގެ މެގަޒިންއެއްގެ މޮޑެލްތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ނަގައި އާއްމުކޮށްފިއެވެ.
ދިވެހިރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހިރާއްޖޭގައި ބަރަހަނާ މަންޒަރުތައް ނެގުމާއި، އެފަދަ ތަކެތީގެ ވިޔަފާރިކުރުމަކީވެސް މަނާކަމެކެވެ. ނަމަވެސް މިފަދަ ކަންކަން ކުރުމުގެ މިނިވަންކަމަށް ބޭރުގެ ފަރާތްތަކުން އަބަދުވެސް ބާރުއަޅައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯގެ މަޢުލޫމާތު އެނގޭ ފަރާތަކުން ބުނީ، މި ވިޑިއޯގައި މާލޭ އެއާޕޯޓަށް މޮޑެލްސްތައް ފައިބާ މަންޒަރާއި، ރާއްޖޭގެ ސަފާރީއަކާއި ހިތްގައިމު ދޮންވެލި ގޮނޑުދޮށްތަކުގައި ނަގާފައިވާ މަންޒަރުތައް ފެންނަ ކަމަށެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯގައި ރާއްޖޭގެ ރަށްތަކުގެ އޭރިއަލްވިއު މަންޒަރުތައްވެސް ހިމަނާފައިވާއިރު، މޮޑެލްސްތަކުން ނަގާފައިވާ ގިނަ މަންޒަރުތަކުން ފެންނަނީ ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީއެއްގެ ތެރެއެވެ. އެ ވީޑިއޯއިން އެ ސަފާރީގެ ނަންވެސް ސާފުކޮށް ފެންނަކަމަށްވެއެވެ.
ރާއްޖޭގައި ނަގާފައިވާ ބަރަހަނާ މަންޒަރުތަކުގައި ރާއްޖޭން ބޭރުގެ ފަނަރަ ވަރަކަށް އަންހެން މޮޑެލްސްގެ އިތުރުން ކޮންމެވެސް ވަރަކަށް ފިރިހެން މޮޑެލްސްވެސް ބައިވެރިވެފައިވާކަމަށް އެކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.
ރާއްޖޭގައި ކުޅުނު މި ބަރަހަނާ ފިލްމުގައި އެއްޖިންސުން ގުޅުންހިންގާ މަންޒަރުތައްވެސް ހިމެނޭއިރު މިއީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
ރާއްޖޭގައި ބަރަހަނާ މަންޒަރުތަކެއް ނަގާ އާއްމުކުރިއިރު، ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއްވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. އަދި މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.




