އާސެނަލްގެ ދެކުޅުންތެރިންކަމަށްވާ މެޒުޓް އޮޒިލް އަދި ސީޑް ކޮލަސިނެޗަށް ހަމަލަދޭން ބަޔަކު މަސައްކަތްކޮށްފިއެވެ.
ލަންޑަންގައި ހިނގި މިހާދިސާ ސީސީޓީވީ ފުޓޭޖަށް އަރާފައިވާއިރު އެފުޓޭޖުން ފެންނަނީ އޮޒިލް އަދި ކޮލަސިނެޗަށް ހަމަލާދޭންދިޔަ މީހުންނަށް ކޮލަސިނެޗް އެއްވެސް ހަތިރަކާނުލައި ދިފާޢުގައި ހަމަލާދޭން މަސައްކަތްކުރާ ތަނެވެ.
ދުވާލުގެ ވަގުތުގައި ހިނގި މިހާދިސާގައި ހަމަލާދޭންއައި މީހުން ކާކުކަން ނޭނގޭގޮތަށް ހެލިމެޓް އަޅައިގެންހުރިއިރު، އެމީހުން އަތުގައި ވަޅިއެއްކަހަލަ އެއްޗެއް އޮތްކަމަށްވެސް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގައި އޮތް ޕްރިސީޒަން ނިންމާލުމަށްފަހު އާސެނަލް ކުޅުންތެރިން އެނބުރިއައީ މިދިޔަ ބުދަދުވަހުއެވެ. އަދި މިހާދިސާ ހިނގި ދުވަހަކީ އާސެނަލްއއިން ޑަނީ ކެބަލޯސް އަދި ވިލިއަން ސަލިބާ އެކްލަބާއި ގުޅުނުކަން އިޢުލާންކުރިދުވަހެވެ.
ބުރާސްފަަތިދުވަހު އިންސްޓަގްރާމްގައި އާންމުވެފައިވާ މިސީސީޓީވީ ފުޓޭޖާއި ގުޅިގެން އޮޒިލް އަދި ކޮލަސިނެކްވެސް މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.
މިހާދިސާ ހިނގިތާ މިނަޓްކޮޅެއްތެރޭ ޕޮލިސް ސީންއަށް އައިސްފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، ޕޮލިހުންނަށް ރިޕޯޓްކޮށްފައިވަނީ ސައިކަލެއްގައި އައިބަޔަކު ކާރު ދުއްވަންހުރި ބައެއް ފޭރެން މަސައްކަތްކުރިކަމަށްބުނެއެވެ.
"ޑްރައިވަރާއި ކާރުގައި ހުރި ފަސިންޖަރަށް އެއްވެސް ވަރެއްގެ އަނިޔާއެއް ވެފައިނުވޭ. އަދި އެމީހުން ދިޔައީ ގޯލްޑާސް ގްރީން ރެސްޓޯރެންޓަށް. މިހާދިސާއާއި ގުޅިގެން އެދެމީހުންނާވަނީ ސުވާލުކުރެވިފައި، އެހެންނަމަވެސް އަދި މީހަކު ހައްޔަރު ނުކުރޭ. މައްސަލަދަނީ ތަޙުޤީގުކުރެވެމުން" ރިޕޯޓްތަކުގައިވެއެވެ.




