ރާއްޖޭގެ މިނިވަން ދުވަސް

އެއީ ދިވެހިންނަށް އައި ބަނަ ފަތިހެކެވެ. 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީންނާއި ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ދަށުން ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. މި މުޢާހަދާގައި އިނގިރޭސިވިލާތުގެ ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އެވެ.

މި މުޢާހަދާ އާއި އެކު ދިވެހިރާއްޖެ އިންގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. އެއާއިއެކު ރާއްޖޭގެ ޚާރިޖީ ހުރިހާ ކަމެއް ހިންގާ ބަޔަކީ އިނގިރޭސީން ކަމަށް ވީއެވެ. އަދި މި މުޢާހަދާގެ ދަށުން ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޙްތިޔާރު ދިވެހިންނަށް ލިބިގެންވެއެވެ. އެމުއާހަދާގެ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔަނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާއި ޚީލާފުވެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ.

މި އެއްބަސްވުމުގައި ވާގޮތުން ރާއްޖޭގެ ތަޚްތަށް އިސްކުރެވޭ ރަސްކަލަކު ވާންވާނީ އިނގިރޭސި ސަރުކާރު ޤަބޫލުވާ ރަސްކަލަކަށެވެ. އަދި އިނގިރޭސި ދަޢުލަތަށް ރާއްޖެއިން ޖިޒީ ދައްކަން ޖެހެއެވެ. އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީ ކޮންމެ އަހަރަކުވެސް ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ދިޔައީ ފޮނުވަމުންނެވެ.

މިނިވަން ކަމުގެ ވާހަކަ ދިވެހީން ދައްކަމުން ދިޔަތާ އޭގެ އެތައް އަހަރެއް ފަހުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސި ސަރުކާރާއި ރާއްޖެއާއި ދެމެދު ސޮއިކުރެވުނު މިނިވަން ކަމުގެ އެއްބަސް ވުމާއި ހަމައަށް މިކަން އޮތީ މިހެން ހިނގަހިނގައެވެ.

ތާރީޚީ، ފަޚުރުވެރި މި އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ރާއްޖެއިން މިނިވަންކަން ހޯދުމަށް އިނގިރޭސިންނަށް ހުށައެޅުމުން، އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދިއެވެ. ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު 1960 ވަނަ އަހަރު މުޢާހަދާއެއްގައި ސޮއެ ކުރެވުނެވެ. ނަމަވެސް މި މުއާހަދާގައިވެސް އިނގިރޭސީން މެދުވެރިވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ މުޢާމަލާތްތައް ކުރެވޭކަށް ނޯވެއެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއި ކުރުވެނު ނަމަވެސް 1960 ވަނަ އަހަރުގެ ފެބްރުއަރީ ސާދައިގައި އިނގިރޭސީންނާއި އެކު ކުރެވުނު އެގްރިމަންޓަކަށް ފަހު އިނގިރޭސީން ތިބީ އައްޑޫ ތިރީސް އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައިގެންނެވެ. އޯލްޕޯޓް އެގްރިމަންޓުގެ ނަމުން މަޝްހޫރުވެފައިވާ މި އެގްރިމަންޓެއް ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ ހަ އަހަރު ކުރިންނެވެ. އެހެން ކަމުން މިނިވަންކަން ރާއްޖެއިން އިޢުލާނު ކުރިނަމަވެސް އިނގިރޭސީން ރާއްޖޭގައި އޭގެ އެތައް އަހަރެއް ވަންދެންވެސް ތިއްބެވެ.

އިނގިރޭސިން އައްޑޫގައި ދެމިތިބިއިރު ދިވެހި ދައުލަތުގެ ސިޔާދަތާއި މުސްތަގިއްލުކަން ގެއްލިގެންދާ ކިތަންމެ ކަމެއް އިނގިރޭސިން ދިޔައީ ކުރަމުންނެވެ. މުޅި އައްޑު އަތޮޅުގެ އެތެރެވަރިއަށް ވެސް އޮތީ އިނގިރޭސިންގެ ފުރިހަމަ ހުކޫމަތުގެ ތެރޭގައެވެ. ދިވެހި ދައުލަތުގެ ބާރެއް އޮތިއްޔާ އެބާރު ހިގަނީ އައްޑޫ ރައްޔިތުންނާއި އެމީހުންގެ ގެދޮރަށެވެ. އެހެން ކަމުން ދިވެހި ސަރުކާރަށް އެނގުމަކާ ނުލައި އައްޑޫގައި އިނގިރޭސީން ދިޔައީ އެތައް ކަމެއް ކުރަމުންނެވެ. ހަނގުރާމަތަކުގައިވެސް އައްޑޫ ބޭނުން ކޮށްފައިވެއެވެ. އަދި މި ދުވަސްވަރު އައްޑު އަތޮޅުގައި ދިވެހި ފައިސާގެ ބޭނުންވެސް އޮތީ ކެނޑިފައެވެ.

ތެދުތެދަށް ދަންނަވާނަމަ އިނގިރޭސީންގެ ކިބައިން ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބިައިވަނީ 1976 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އައްޑޫގައި ތިބި އިނގިރޭސި ސިފައިން ދިވެހި ބިމުން ފޭބުމުންނެވެ. އަދި ރާއްޖެއަށް މިނިވަންކަން ހޯއްވައިދެއްވި ބާނީ ނާސިރުވެސް ދައުރުގެ އެންމެ ފަހު ދެ އަހަރުގައި މިނިވަން ދުވަސް ފާހަގަ ކުރައްވާފައިވަނީ މާރިޗު 29 ގައެވެ. ނަމަވެސް ނާސިރުގެ ވެރިކަމަށްފަހު ޖެހިގެންއައި އަހަރުން ފެށިގެން އަނެއްކާވެސް މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ކަމުގައި ކަނޑައަޅައި، މިނިވަން ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަ ކުރަން ފެށިއެވެ.

މި ޤައުމުގައި އަމިއްލަވެރިކަމާއި ސިޔާދަތު ގެއްލި، ބަނަ ދުވަސްތަކާއި ނާމާން ކަމުގެ ތެރެއަށް ދެފަހަރު ރާއްޖެ ގޮސްފައިވާކަން ރާއްޖޭގެ ތާރީޚުން އިގެން އެބައޮތެވެ. އެއީ ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް މީލާދީން 1558 އިން 1573 އަށް އެމީހުންގެ ވެރިކަން މި ރާއްޖޭގައި ހިންގި ދުވަސްވަރާއި، ހިޖުރައިން 1166 ވަނަ އަހަރު ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ޤައުމުގައި ސާބިތުވެ ތިބެވުނު ތިން މަހާއި ވިހި ދުވަހެވެ.

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި 54 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަހެއް ބައްދަލުވެ ދާއިރު ތަފާތު ޝުޢޫރުތައް ހިތަށްއަރަމުންދެއެވެ. ތަފާތު އިޙްސާސްތައް ގެނުވަދެއެވެ. މިފަދަ ދުވަހެއްގައި ހަނދާންކުރަންޖޭހޭ އެންމެ މުޙިއްމު އެއްކަމަކީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ޖިހާދު ކުރެއްވި މަތިވެރި ބަޠޮލުންގެ ޤުރުބާނީ ހަނދާން އާކޮށް، އެބޭފުޅުންގެ ހިތްވަރުން އަޒުމްއާކުރުމެވެ. ހަމައެކަނި ކުޅިވަރު ކުޅެލާ ދުވަހަކަށް ހެދުމުގެ ބަދަލުގައި ހިތުގައި ޤައުމީވަންތަ ލޯބި ދިރުވާ އާލާކުރުމެވެ. އެފަދަ ނާމާން ކަމަކަށް ޤައުމު ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ މީހަކަށް ވާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ