އިނގިރޭސި އެފްއޭއެކަޕްގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެފްއޭކަޕްއިން ޗެލްސީ ކަޓައިގެން ދިޔައިރު މިފަހުން ޗެލްސީގެ ފަރާތުން ފެންނަ ދަށްކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ތެރޭގައި ސާރީއަށް އޮތް އިތުބާރު ދަނީ ގެއްލެމުންނެވެ. އަދި މެޗު ތެރެއިން ސާރީއާ ދެކޮޅަށް ޗެލްސީގެ ސަޕޯޓަރުން އަޑުގަދަކޮށްފައިވާއިރު މިހާލަތު އެނގޭކަމަށާއި މިއީ ރަނގަޅު ނަތީޖާއެއް ނޫންކަމަށާއި ދެރަވަނީ އެފްއޭ ކަޕްއިން ކެޓީމަކަމަށް މެޗަށްފަހު ސާރީ ބުނެފައިވެއެވެ.
ކޯޗު އޮލެ ގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗުގެ ހަނދާން ނައްތާލުމަށް މޮޅެއް ބޭނުންވެފައިއޮތް ޔުނައިޓެޑް މިމެޗު ނިންމާލީ 0-2 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށްކުރި ހޯދައިގެންނެވެ.
ސްޓެންފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު މެޗުގެ 31ވަނަ މިނަޓުގައި ޖަހައިދިނީ އެންޑާ ހެރޭރާއެވެ. އަދި ދެވަނަ ލަނޑު ޕޮގްބާ ޖަހައިނީ ފުރަތަ ހާފުގެ ފަހު ވަގުތުކޮޅުގައެވެ.
އެފްއޭކަޕް ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 15-18 މާރޗްގައެވެ. އަދި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 720،000 ޕައުންޑްގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެފްއޭކަޕް ކުއާޓާ ފައިނަލް
- ސްވެންސީ ސިޓީ – މެންޗެސްޓަރ ސިޓީ
- ވެޓްފޯޑް – ކްރިސްޓަލް ޕެލެސް
- ވޯލްވްސް – މެންޗެސްޓަރ ޔުނައިޓެޑް
- މިލްވޯލް - ބްރައިޓަން




