ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ލިވަޕޫލުގެ ވާޖިލް ވެން ޑައިކް ނޮމިނޭޓްވެއްޖެއެވެ.
ނެދަލޭންޑްގެ ޤައުމީ ޓީމަށްވެސް ކުޅޭ ޑިފެންޑަރުވަނީ މިދިޔަ ސީޒަންގައި ލިވަޕޫލުން ޗެމްޕިއަންސް ކާމިޔާބުކުރުމުގައި މުހިންމު ރޯލެއްވަނީ އަދާކޮށްފައެވެ. ދެން ވާދަކުރާ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެކްލަބަށް ކުޅެދިން 50 މެޗުން 51 ލަނޑުކާމިޔާބުކޮށްދީފައިވާއިރު އޭނާވަނީ ބާސެލޯނާއާއެކު މިދިޔަ ސީޒަންގެ ލަލީގާ ކާމިޔާބުކޮށްފައެވެ.
ތިންވަނައަށް ވާދަކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ސީޒަންގައި އިޓަލިއަން ސީރީއާގައި ކުޅެފައިވާއިރު، ސީރީއާގައި ކުޅުނު ފުރަތަމަ ސީޒަންގައި އެލީގު މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ހޯދާފައެވެ. އަދި ޔުވެންޓަސްއާއެކު މިދިޔަ ސީޒަންގެ ސީރީއާ ކާމިޔާބުކުރި ރޮނާލްޑޯވަނީ ޕޯޗުގަލްއާއެކު މިއަހަރު ކުޅުނު ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
? #TheBest Men’s Player Finalists ?
— FIFA.com (@FIFAcom) September 2, 2019
?? @Cristiano
?? Lionel Messi
?? @VirgilvDijk pic.twitter.com/wX8zPg7TEp
މިއެވޯޑު މިފަހަރު ގެންދާނީ ވެންޑައިކް ކަމަށް އެންމެ ބެލެވޭއިރު، މިދިޔަމަހު ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޭނާވަނީ ހޯދާފައެވެ. ޔޫރަޕްގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ މެސީއެވެ.
ފީފާގެ ބެސްޓް އެވޯޑްސް ހަފްލާ މިމަހުގެ 23 ވަނަ ދުވަހު މިލާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓީނޯއެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ އެމެރިކާ އާއެކު ވޯލްޑް ކަޕް މިފަހަރު ކާމިޔާބުކުރި އެލެކްސް މޯގަން އާއި މެގަން ރެޕީނޯގެ އިތުރުން އިންގްލޭންޑުގެ ލޫސީ ބްރޯންޒްއެވެ.




