ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ބޭނުންނަމަ ސްޕެއިންގެ ކޯޗުކަން އޭނައަށް ދޭން ތައްޔާރަށް ހުރިކަމަށް ސްޕެއިންގެ މިހާރުގެ ކޯޗު އަދި އެންރީކޭގެ ކުރީގެ އެސިސްޓެންޓް ރޮބާޓް މޮރޭނޯ ބުނެފިއެވެ.
އެންރީކޭގެ އަންހެން ދަރިފުޅު ޒާނާ ކެންސަރަށް ޕޮޒިޓިވްވުމާއި ގުޅިގެން ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް، އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ކައްޓަށް ޖެހުނު މިކެންސަރުގައި ދަރިފުޅު ޒާނާ ދުނިޔެދޫކޮށްފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.
އުމުރުން 49 އަހަރުގެ އެންރީކޭ ސްޕެއިންގެ ކޯޗު ކަމުގައި ހޭދަކޮށްފައިވަނީ އެންމެ 11 މަހެވެ. އަދި އޭނާއަށްފަހު ސްޕެއިންއަށް އިރުޝާދުދެމުންދަނީ އެސިސްޓެންޓް މޮރޭނޯއެވެ.

"އެންރީކޭ ބޭނުންނަމަ އަހަރެން މިހުރީ އޭނާއާއި މަޤާމު ޙަވާލުކޮށްފައި، އޭނާއާއެކު މަސައްކަތް ކުރަން ތައްޔާރަށް." މޮރޭނޯ ބުންޏެވެ.
އެންރީކޭ ސްޕެއިންގެ ކޯޗުކަން ދޫކޮށްލުމާއި ގުޅިގެން ވަގުތީގޮތުން ޓީމާއި ޙަވާލުވި މޮރޭނޯ ތިން މެޗަށްފަހުވަނީ ސްޕެއިންގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައެވެ. 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންއަށް މޮރޭނޯ މިހާރު ސްޕެއިން ތައްޔާރު ކުރަމުންދާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ރެ ރޮމޭނިއާއާއި ދެކޮޅަށް ސްޕެއިން ނުކުންނައިރު، އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ފަރޮއެ އައިލެންޑްސްއާއި ދެކޮޅަށެވެ.
ސްޕެއިންގެ ޤައުމީ ޓީމާއެކު ކާމިޔާބީއެއް ނުހޯދި އުޅެނިކޮށް އެންރީކޭއަށް ޓީމު ދޫކޮށްލަން ޖެހިފައިވީނަމަވެސް ސްޕެއިންގެ ބާސެލޯނާއާއެކު އޭނާވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 2015 ވަނަ އަހަރެވެ. އެއަހަރު ބާސެލޯނާއާއެކު އެންރީކޭވަނީ ލަލީގާ، ކޮޕަޑެލްރޭ އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.




