ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ ދިވެހި ގައުމީ ޓީމްގެ ފުރަތަމަ 11 ގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފި އެވެ.
މިރޭ 08:00 ޖަހާއިރު ފަށާ އެ މެޗުގެ، ދެ ޓީމްގެ ފުރަތަމަ 11 މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. އަދި ގައުމީ ޓީމްގެ ފުރަތަމަ 11 އާންމުކޮށްފައިވާއިރު ދަނގަޑޭ ވަނީ ލިސްޓްގައި ހިމަނާފަ އެވެ.

ގައުމީ ޓީމާއެކު އަޝްފާގް މެޗަކަށް މި ނުކުންނަނީ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. ގައުމީ ޓީމާއެކު އެންމެ ފަހުން އަޝްފާގް މެޗެއް ކުޅެފައި ވަނީ 2017 ވަނަ އަހަރު ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީން އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ.
އޭގެ ފަހުން ބުޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ސްކޮޑުން ބާކީ ކުރީ އެ މެޗުގެ ކުރިން ބާއްވަން އޮތް ޕްރެސްއަށް ހާޒިރު ނުވުމުންނެވެ. ސަތާރަ މަސް ފަހުން އަޝްފާގް އަށް އަލުން ފުރުސަތު ދީފައިވާއިރު އޭނާ އަށް ޕްރެކްޓީސް ކުރެވުނީ އެންމެ ދެ ދުވަހު އެވެ.
މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ވާހަކަތައް ހުރީ އެހެން ގޮތަކަށެވެ. އޭނާ ބުނީ މެޗު ތަކުން އަޝްފާގް އަށް ފުރުސަތު ދިނުމުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ.
ޝެގަޓް ބުނީ، އަޝްފާގަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާމެދު ބަހުސެއް ނެތް ކަމަށާއި އަދި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަކީ އޭނާ ކަމަށް ވެދާނެ ކަމަށެވެ.




