މި މަހުގެ 7ން 15އަށް ޖަޕާނުގައި ކުރިއަށްދާ ވޯލްޑް ސަރފިން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމްގައި ހިމެނޭ ރާޅާއެޅުންތެރިއަކު ރަން މެޑަލް ހޯދައިފިނަމަ އެފަރާތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް އަމަލު ކުރަމުން އަންނަ އުސޫލުގައި ބުނެފައިވާ ކަމަށް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޓުވިޓަރގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ، އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ޗެމްޕިއަންޝިޕުން ރާޅާއެޅުންތެރިއަކު ރަން މެޑަލް ހޯދައިފިނަމަ އެމެޑައްޔަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފައި ވާކަމަށެވެ.
މިނިސްޓަރ މަހުލޫފު މިހެން ވިދާޅުވެފައިމިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުން މޮޅުވި ނަމަވެސް އަދި އެއްވަރުކޮށްލި ނަމަވެސް ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ ދޭނެކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުންތައް މިނިސްޓަރާއި އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޖަޕާނުގައި މިހާރު ކުރިއަށްދާ ވޯލްޑް ސަރފިން ގޭމްސްގެ ދެވަނަ ބުރުން ރާއްޖޭގެ ދެ ރާޅާ އެޅުންތެރިން ކަމަށްވާ ހުސެއިން އަރީފް އާއި އިސްމާޢީލް ރަޝީދުވަނީ ޖާގަ ހޯދައިފައެވެ.
ހުސައިން އަރީފް ދެވަނަ ބުރުން ޖާގަހޯދާފައިވަނީ އޭނާ ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. އަދި މުބާރާތުގެ ދެވަނަ ބުރުން އިސްމާޢީލް ރަޝީދު ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދައިގެންނެވެ.




