މައި ކޮލެޖްގެ ދަރިވަރުންތަކެއް - ފޮޓޯ: މައި ކޮލެޖް

މަތީތަޢުލީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައިފިނަމަ ބޮޑެތި ފިޔަވަޅުތަކެއް

މިނިސްޓްރީއިން އިޢުލާންކުރާ މަތީތަޢުލީމުގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމް ހާސިލުކުރުމަށް ދިވެހި ސަރުކާރުން ދޭ ފުރުޞަތުތައް ލިބޭ ދަރިވަރުންގެ ތެރެއިން އެފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އެފަދަ އެފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު އަމަލު ކުރާނެ ގޮތް ކަނޑައަޅައި މިއަދު އާންމުކޮށްފައިވާ އުޞޫލުގައެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މި އުސޫލުގެ މަޤްސަދަކީ، އެ މިނިސްޓްރީން އިޢުލާނުކުރާ މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބޭ ދަރިވަރުން އެފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުންކަމަށާއި އަދި އެފަދަ ފުރުޞަތުތަކުގެ ބޭނުން ނުހިފިދިއުމުން، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް، ގިނަ ދަރިވަރުންނަށް މިފަދަ ފުރުޞަތުތައް ލިބުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި އުޞޫލުގައި ބުނެފައިވަނީ ފޯޖްކޮށްފައިވާ ޑޮކިއުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން  ސާބިތުވުން ނުވަތަ ނާޖާއިޒް ފައިދާއެއް ލިބޭފަދަގޮތަކަށް ސައްހަނޫން މަޢުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވާނަމަ އެފަދަ ފަރާތެއް 5 އަހަރުގެ މުއްދަތަށް ފުރުޞަތު ތަކުން މަޙްރޫމް ކުރެވޭނެ ކަމަށެވެ.

ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާއިނުލާ ފުރުޞަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުޞޫލާއި އެއްގޮތަށް އަމަލުކުރަމުން ނުގޮސްފިނަމަ ނުވަތަ ކިޔަވައި ނިމުމަށްފަހު، އިޤްރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނައިސްފިނަމަ އަދި މަތީތަޢުލީމުގެ ފުރުޞަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލިއްޖެނަމަ އެފަދަ ފަރާތެއް 2 އަހަރުން ފެށިގެން 3 މަސް ދުވަހާއި ހަމައަށް ފުރުޞަތުތަކުން މަޙްރޫމް ކުރެވޭނެކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާ ފާރާތްތަކާއިމެދު ފިޔަވަޅު ނޭޅޭނެކަމުގައި ވަނީ ބުނެފައެވެ.

މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި އެއްވެސް ޚަރަދެއް ސަރުކާރުގެ އަދި ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ، އެ ޚަރަދެއް އަނބުރާ ދައްކަންވާނެކަމަށްވެސް އުޞޫލުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ