ރަފެލް ނަޑާލްއާއި ރޯޖާރ ފެޑެރާއާދެމެދު ކުޅެވޭ ޓެނިސް މެޗެއް އިންތިޒާމުކޮށް، ރެއަލްމެޑްރިޑުން ރެކޯޑު މުގުރާލަން ތައްޔާރުވަމުންދާކަމަށް ރިޕޯޓަތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއަލްމެޑްރިޑްގެ ބާނަބޯގައި ކުރިއަށް ގެންދަން ތައްޔާރުވާ މިމެޗަކީ އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅި ބަލަން ވަތް ޓެނިސް މެޗަށް ހަދަން ރެއަލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންވެއެވެ.

އެގޮތުން ޕެރޭޒް ބޭނުންވަނީ މިމެޗު 80،000 ސަޕޯޓަރުންނާއެކު ކުރިއަށް ގެންދާށެވެ. ޓެނިސް މެޗަކަށް މީގެކުރިން އެންމެ ގިނައިން ސަޕޯޓަރުންވަދެފައިވަނީ 2010 ވަނަ އަހަރު ކިމް ކްލިސްޓާސްއާއި ސެރީނާ ވިލިއަމްސް ބައްދަލުކުރި މެޗުގައެވެ. ކިމް ކާމިޔާބުކުރި މިމެޗު ބެލުމަށް 35،681 ސަޕޯޓަރުންވަނީ ވަދެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޕެރޭޒްގެ މިޕްލޭން ރެއަލްމެޑްރިޑްގެ މެންބަރުންނާއިވެސް މިހާރުވަނީ ޙިއްސާކޮށްފައެވެ. މީގެއިތުރުން ރަފެލް ނަޑާލްއާއިވެސް ޕެރޭޒްގެ ޚިޔާލު ޙިއްސާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަޑާލްއަކީ ރެއަލްމެޑްރިޑްގެ ސަޕޯޓަރެކެވެ.
ނަޑާލް އާއި ފެޑެރާއަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ މޮޅު ފިރެހެން ދެ ޓެނިސް ކުޅުންތެރިންނެވެ. ޖުމްލަ 20 ގްރޭންޑް ސްލޭމްއެއް ފެޑެރާ ކާމިޔާބުކޮށްފައިވާއިރު، ނަޑާލްވަނީ 19 ގްރޭންޑް ސްލޭމްއެއް ކާމިޔާބުކޮށްފައެވެ.
މިއަހަރު މިދެކުޅުންތެރިން ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ކޮންމެ ކުޅުންތެރިއަކުވެސްވަނީ އަނެއް ކުޅުންތެރިއަކު ބަލިކޮށްފައެވެ. އަދި މިދެކުޅުންތެރިން އެންމެފަހުން ބައްދަލުކުރި މެޗު 6-7، 6-1، 3-6، 4-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފެޑެރާއާއެވެ.




